- ލިސްޓުކޮށްފައިވަނީ ސްޕެކްޓްރާ
- އާއްމުނަށް ހިއްސާވިކަން މަގު ފަހިވާނެ
- އައިޕީއޯ ތައާރަފުކުރަން ތިން އަހަރު ލިބޭ
ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ސްޕެކްޓްރާ" ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފި އެވެ.
މޯލްޑިވްސް ސްޓޮކް އެކްޝްޗޭޖު (އެމްއެސްއީ) އިން މިދިޔަ އަހަރު ތައާރަފުކުރި "ފަންސާސް ބޯޑު" ގައި ފުރަތަމަ ލިސްޓުކުރި ކުންފުންޏަކަށް "ސްޕެކްޓްރާ" ވުމާ ގުޅިގެން އެ ކުންފުނިން އާއްމުންނަށް ހިއްސާ ނުވަތަ ބޮންޑް ވިއްކައިގެން ފަންޑު ހޯދުމުގެ މަގު ތަނަވަސްވާނެ އެވެ. ނަމަވެސް ކުންފުނީގެ އޮނިގަނޑަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެސް "އައިޕީއޯ" ތައާރަފް ކުރުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ބޯޑު ތައާރަފު ކުރުމުގެ މަގުސަދަކީ އާއްމުންނަށް ހިއްސާ ވިއްކައިގެން ފަންޑު ހޯދުމަށް ބޭނުންވާ ކުންފުނިތަކަށް ދޮރެއް ހުޅުވައި ދިނުމެވެ.
ހިއްސާގެ ބާޒާރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލު ކޮށް "އިންޓްރޮޑަކްޓްރީ ޕްލެޓްފޯމް" ގައި ލިސްޓު ކުރުން ފާހަގަ ކުރުމަށް ރޭ ވަނީ ހޮޓެލް ޖެންގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދު އެވެ.
ސަތޭކަ ޕަސެންޓް ދިވެހި ކުންފުންޏެއް ކަމަށްވާ "ސްޕެކްޓްރާ" އިން ރާއްޖޭގެ ހިއްސާގައި ލިސްޓު ކުރުމާއި ގުޅިގެން އެ ކުންފުނީގެ ހިންގުމަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސްޕެކްޓްރާގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަހުމަދު މައުމޫނު ވިދާޅުވީ ތާރީހީ މި ބަދަލުގެ ސަބަބުން ކޯޕަރޭޓް ގަވަނަންސްއާ އެއްގޮތަށް ކުންފުނީގެ ހިންގުން ބަދަލު ކުރުމާއި ވަކި ވަކި އިންވެސްޓަރުންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވި މި ބަދަލުގެ ސަބަބުން ޓޫރިޒަމް ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ރެއަލްއެސްޓޭޓް ވިޔަފާރީގެ ތެރެއަށްވެސް ނުކުތުމަށް ނިންމާފައިވާ ކަމަށެވެ.
"ސްޕެކްޓްރާ" އަކީ 2008 ވަނަ އަހަރު ރާއްޖޭގައި އުފެއްދި ކުންފުންޏެކެވެ މި ކުންފުނިން މިހާތަނަށް ކުރަމުން ގެންގޮސްފައިވަނީ މިސްކިތްތަކުގައި އަޅާ ކާޕެޓާއި، ފްލޯރިން ފަދަ ސާމާނު ފުޅާދާއިރާއެއްގައި ވިއްކުމުގެ ވިޔަފާރި އެވެ.