ހަބަރު

ހައި ޑިޕެންޑެންސީ ޔުނިޓަކާއެކު އޭޑީކޭ ތާރީހުގެ ތެރެއަށް

ރަނގަޅަށް މޮނިޓާކޮށް ބަލަހައްޓަންޖެހޭ ބަލިމީހުންގެ ތެރެއިން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ކޮންމެހެން ބާއްވަން ނުޖެހޭ ބަލިމީހުންނަށް ހިދުމަތް ދިނުމަށް ފުރަތަމަ ފަހަރަށް އޭޑީކޭ ގައި ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އެއް ގާއިމްކޮށްފި އެވެ.

ބާރަ އެނދާއެކު އޭޑީކޭގައި ގާއިމްކުރި އެ ޔުނިޓުގެ ހިދުމަތް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވީ ނަމަވެސް އެ ހިދުމަތް ހޮސްޕިޓަލުން ރަސްމީކޮށް އިއުލާންކުރީ މިއަދު އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ އެޗްޑީޔޫ އެވެ. އެޗްޑީޔޫ އެއްގެ މައިގަނޑު ބޭނުމަކީ އައިސީޔޫގައި ބާއްވަންޖެހޭ ބަލިމީހުންނަށްވުރެ އެއް ދަރަޖަ ސިއްހީގޮތުން ރަނގަޅު ބަލިމީހުންނަށް، އާންމު ބަލިމީހުނަށްވުރެ ރަނގަޅަށް އެކަށީގެންވާ ވަސީލަތްތަކާއެކު މޮނިޓާކޮށް ފަރުވާދީ ބެލެހެއްޓުމެވެ.

މިއަދު އޭޑީކޭގައި އޮތް ރަސްމިއްޔާތެއްގައި ޔުނިޓް ހުޅުވައިދެއްވީ ކުރީގެ މިނިސްޓަރުކަން ކުރެއްވި އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރެއްވި، އަނީސާ މުހައްމަދު އެވެ.

އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލް ވިދާޅުވީ، އެޗްޑީޔޫއެއް އައިސީޔޫގައި ގާއިމްކުރުމުގެ އެންމެ މައިގަނޑު ބޭނުމަކަށްވީ، ކްރިޓިކަލް ހާލަތުތަކުގައި ގެންނަ ބައެއް ބަލިމީހުންގެ ތެރެއިން ސީދާ އައިސީޔޫގައި ބާއްވަން ނުޖެހޭބަލިމީހުންނަށް ވޯޑެއްގައި ބާއްވައިގެން ދޭ ފަރުވާއަށްވުރެ ރަނގަޅު ފޯކަސް ފަރުވާއެއް ދިނުމަށް ކަމަށެވެ. އެގޮތުން ބޮޑެތި އޮޕަރޭޝަން ކުރާ މީހުންވެސް އޮޕަރޭޝަނަށްފަހު ވަކި ވަގުތަކަށް އައިސީޔޫގައި ބޭއްވުމުގެ ބަދަލުގައި އެޗްޑީޔޫގައި ބާއްވައިގެން ފަރުވާދެވޭނެ ކަމަށާއި އޭގެ ސަބަބުން އައިސީޔޫގެ ޖާގަ ތަނަވަސްވުމުގެ އިތުރަށް ބަލި މީހުންނަށް ވެސް އައިސީޔޫއެއްގައި ލިބޭ ފަދަ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އެހެން ހޮސްޕިޓަލްތަކުގައިވެސް އެބަ ހުރޭ ހައި ޑިޕެންޑެންސީ އެނދު ގާއިމް ކޮށްފަ. އެކަމަކު ވަކި ޔުނިޓެއްގެ ގޮތުގަ އެއް ނުހުރޭ، އާންމު ގޮތެއްގައި ވަރަށް ގިނަ މީހުން އައިސީޔޫއަށް ލާ، އޭގެ ސަބަބުން އައިސީޔޫ ފުރޭ ފަހަރު އާދޭ. އެހެން ނަމަވެސް އައިސީޫއަށް ދާ ހުރިހާ މީހުންނަކީ އައިސީޔޫއަށް ލާންޖެހޭ ބައެއް ނޫން، އެހެންވީމަ އައިސީޔޫއަށްވުރެ އެއް ދަރަޖަ ދަށުގަ ތިބޭ މީހުންނަށް ވޯޑެއްގައި ނުބާއްވައި ހާއްސަ ހިދުމަތްތަކެއް ދިނުން،" އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ، މީގެ އިތުރުންވެސް ގިނަ އާ ހިދުމަތްތަކެއް އޭޑީކޭއިން ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭޑީކޭއަކީ ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތަކެއް ރާއްޖެއަސް ތައާރަފްކުރުމުގައި ކާމިޔާބު ހޯދާފައިވާ ހޮސްޕިޓަލެކެވެ.