ވިޔަފާރި

އަގުހުރި އިނާމުތަކާއެކު ރެޑްބުލްގެ 'ޕީއެސް' މުބާރާތުގެ ކޮލިފައިން ފަށައިފި

Jun 29, 2016
1

ޗެމްޕިއަން ޓީމަށް، އަގުހުރި އިނާމް ތަކެއް ދޭގޮތަށް، ބާއްވާ ރެޑްބުލް 'ޕްލޭސްޓޭޝަން 4 ފީފާ ފުޓްބޯޅަ މުބާރާތު'ގެ ކޮލިފައިން ބުރު ރޭ ފަށައިފި އެވެ.

މާލޭގެ އިތުރުން، ކާށީދު އާއި މާފުށި އަދި ހުޅުމާލޭގައި ކޮލިފައން ބުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރެޑްބުލްއިން ބުނީ މާލޭގެ ކޮލިފައިން ބުރުގައި އެކަނިވެސް 384 ބައިވެރިން ވާދަ ކުރާނެ ކަމަށެވެ.

މި މުބާރާތުން އެއްވަނައަށްދާ ބައިވެރިއަކަށް 10000 ރުފިޔާގެ އިތުރުން ރީފްސައިޑުން ދޭ 49" ގެ އެލްޖީ ޓީވީއަކާއި ޕީއެސްގެ 4 އެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރެޑްބުލްއިން ބުނެއެވެ. ލުބާރާތުން ދެވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރެޑްބުލްއިން މުބާރާތަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން ކޮލިފައިން މެޗްތަކުގެ ދިގުމިނަކީ ކޮންމެ ހާފެއްގައި ހަތަރު މިނެޓް ހިމެނޭ ގޮތަށް ޖުމްލަ އަށް މިނިޓެވެ.

ކޮލިފައިންގައި މޮޅުވާ ކުޅުންތެރިން ދާނީ "ގައުމީ ފައިނަލަށެވެ." ގައުމީ ފައިނަލުގައި ހާފެއްގައި ފަސް މިނެޓް ހިމެނޭ ގޮތަށް ކުޅޭނީ 10 މިނެޓެވެ.

މީގެ އިތުރުން "އިދިކޮޅު ބައިވަރިޔާ އަތުގައި ބޯޅަ އޮއްވާ މެޗް ޕޯސް ކޮށްފިނަމަ ފުރަތަމަ ފަހަރަށް އިންޒާރު ދެވޭނެއެވެ. އަދި ދެވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ މެޗުން އެ ބައިވެރިޔަކު ޑިސްކޮލިފައިކޮށްލެވޭނެ" ގޮތަށް ރެޑްބުލްއިން ވަނީ ގަވާއިދު ކަނޑައަޅާފައެވެ.

މުބާރާތުގެ މާލޭގެ ކޮލިފައިން މެޗްތައް ކުރިއަށް ދަނީ ޗާންދަނީމަގުގައި ހުންނަ މއ. ސެމީޑީލްގެ ދެ ވަނަ ފަންގިފިލާގައި ހުންނަ އިންޑޯ ހޯލުގައެވެ. މުބާރާތުގެ ގައުމ ފައިނަލު ބުރުވެސް ކުރިއަށް ދާނީ މާލޭގައެވެ.

މުބާރާތުގެ ފައިނަލުގެ ކުޅުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.