ހަބަރު

މައުމޫންގެ ހުއްދަ ނެތި ޕީޕީއެމްގެ ކޮމިޓީތައް ނުބޭއްވުމަށް އަންގައިފި

Jun 29, 2016
8

ޕީޕީއެމްގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދަ ނެތި ނުބޭއްވުމަށް އެމަނިކުފާނުގެ ޕާޓީގެ އެންމެހާ ގުނަވަންތަކަށް އަންގަވައިފި އެވެ.

"އަވަސް" އަށް މައުލޫމާތު ދިން ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ ޖަލްސާއެއް އަދި ކައުންސިލްގެ ޖަލްސާއެއް ވެސް ބާއްވަން ވާނީ ޕާޓީގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ނުކުރުމަށް މައުމޫން މިއަދު އަންގަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މައުމޫން ސަބަބެއް ވިދާޅުވެފައި ނެތް ކަމަށެވެ. މީގެ ކުރިން ބައެއް ކޮމިޓީތަކުގެ ބައްދަލުވުންތައް މައުމޫންގެ ހުއްދަ ނެތިވެސް ބާއްވަމުން ދިޔަ އެވެ.

އެ ގޮތަށް މައުމޫން ނިންމެވި އިރު، ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް މައުމޫން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. މީގެ އިތުރަށް މިއަދު މަޖިލީހުން ފާސްކުރި ރިސޯޓް ހަދަން ރަށްތައް ނުދެވޭ އިސްލާހަށް މައުމޫން ވަނީ ފާޅުގައި ދެކޮޅު ހައްދަވައި ވޯޓު ނުދިނުމަށް އެދިވަޑައިގެންފަ އެވެ. އެ އިސްލާހަށް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވެސް ވަނީ ބިލް ފާސްނުކުރަން ވޯޓު ދެއްވައިފަ އެވެ.