ހަބަރު

ރާއްޖެ އަށް ބިދޭސީން ގެނައުމުގެ ކުރިން ކުށުގެ ރެކޯޑް ބަލަނީ

  • ސްކްރީނިންގެ އާ ޕްރޮސެސް ދެ މަހުގެ ތެރޭ ފަށާނެ
  • ސްކްރީން ނުކޮށް އެތެރެވުމުން މައްސަަލަ ބޮޑު
  • އަންނަ މީހާގެ ކްރިމިނަލް ބެކްރައުންޑްވެސް ބަލާނެ

ބިދޭސީ މަސައްކަތުގެ މީހުން ރާއްޖެ އައުމުގެ ކުރިން ސަލާމަތީ މައުލޫމާތު ސާފުކޮށް، ހެލްތް ސްކްރީނެއް ހަދަން ނިންމައިފި އެވެ. މީގެ ކުރިން މިފަދަ ޓެސްޓްތައް ހަދަނީ ބިދޭސީ އަކު ރާއްޖެ އެތެރެވުމަށް ފަހު ދޭ ވަކި މުއްދަތެއްގަ އެވެ.

"އަވަސް"އަށް ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން އެތެރެކުރާ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މައުލޫމާތު ދުރާލާ އެނގިގެންދާނެ ކަމަށެވެ. އަދި އެ މީހުން ރާއްޖެ އައުމަށް ހުއްދަ ދެވޭނީ ވެސް ސަލާމަތީ ގޮތުން ހަދަން ޖެހޭ ސްކްރީންތަކެއްގެ އިތުރުން ހެލްތް ޗެކަޕެއް ހެދުމަށް ފަހު އޭގެ ނަތީޖާއަށް ބަލައި ހުއްދަ ލިބިގެންނެވެ.

"މިހާރު ކަންތައް ކުރިއަށްދާ ގޮތަށް އޭރުން ވަރަށް ތަފާތު ވާނެ. އޭރުން އެނގޭނެ ބިދޭސީން ރާއްޖެ އައުމުގެ ކުރިން އެ މީހެއްގެ ކްރިމިނަލް ބެކްރައުންޑާއި ހެލްތް ސްކްރީނިން. މިހާރުވާ ގޮތަކީ ރާއްޖެ އައިސް ސްކްރީން ކުރާއިރު އެނގެނީ ބައްޔެއް ހުރިކަން. އެހާ ހިސާބުން ބިދޭސީ މީހާ ގެންނަ ކުންފުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ސްކީން ކުރުމުގެ މި މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"މި ސްކްރީންނިން ޕްރޮސެސް ކުރިއަށް ދާނީ ބިދޭސީން ގެންނަ ގައުމުތަކުގެ ސަރުކާރުތަކާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން،" ސައީދު ވިދާޅުވި އެވެ.

ބިދޭސީންގެ ސްކްރީން ކުރާ ގޮތަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ސަބަބުން ތަފާތު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.