ހަބަރު

މައުމޫންއަށް ޕާޓީގެ ރައީސްކަން ގެއްލޭނެ ބިލެއް ހުށަހަޅަނީ

Jun 30, 2016
17

ޕާޓީގެ އެންމެ އިސް މަގާމު 65 އަހަރުން މަތީގެ މީހުންނަށް ނުފުރޭ ގޮތަށް ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެދުގައި މަޝްވަރާކޮށްފި އެވެ. އެ އިސްލާހު ހުށަހަޅައިފި ނަމަ، އުމުރުންފުޅުން މިހާރު 80 ގެ އަހަރުތައް ގުނަމުން ގެންދަވާ ޕީޕީއެމްގެ ރައީސް މައުމޫން އަށް ޕާޓީގެ ރައީސްކަން ގެއްލޭނެ އެވެ.

ޕީޕީއެމްގެ ޕީޖީގެ މެންބަރަކު ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި މިހާރު ޖެހިގެން އުޅޭ މައްސަލަ ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް މިހާރު ހުރި މައްސަލަތައް ހުށަހަޅައި މަޝްވަރާ ކޮށްގެން ކައުންސިލުން ގޮތްތަކެއް ހޯދުމެވެ. އަދި ކައުންސިލުން ބައްދަލުވުމެއް ބޭއްވުމަށް ރައީސް މައުމޫންއަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

އޭނާ ވިދާޅުވީ އެގޮތުން މައްސަލަތަކަށް ހައްލެއް ނުލިބިއްޖެ ނަމަ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ޕާޓީގެ ތެރޭގައި މިހާރު ޖެހިގެން އުޅޭ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ގެންގުޅޭ ކަމަށެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ޕާޓީގެ އެންމެ މަތީ މަގާމު ނުފުރޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަން ޕީޕީއެމްގެ ޕީޖީގެ ގިނަ މެންބަރުންގެ ވިސްނުން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް އިސްލާހު ގެނެސްފި ނަމަ، ޕީޕީއެމްގެ ރައީސްކަން މައުމޫންއަށް ގެއްލޭނެ އެވެ. މީގެ ކުރިން ވެސް އެފަދަ އިސްލާޙެއް މަޖިލީހަށް ހުށަހެޅި ނަމަވެސް، ޕީޕީއެމްގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު އެ އިސްލާހު ވަނީ އަނބުރާގެނެސްފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި ނުތަނަވަސްކަން އުފެދި، ޕީޕީއެމްގެ ނައިބު ރައީސް އެންމެހާ ޒިންމާތަކުން ވަކިކޮށް ޕާޓީ ހިންގުމުގެ ކަންކަން މިހާރު ކުރައްވަނީ ސީދާ މައުމޫން އެވެ. އަދި ކޮމިޓީތަކާއި ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް މައުމޫންގެ ހުއްދަ ނެތި ބޭއްވުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް މައުމޫން ވަނީ މަނާކޮށްފަ އެވެ. އަދި އެ ބަދަލުތަކަށް ފަހު ޕާޓީ ހަރުދަނާ ކުރުމަށް ކަމަށް ބުނެ، މައުމޫން ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލަވާ ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

މަސްއޫލިއްޔަތުތަކުން ދުރުކުރި ނައިބު ރައީސް އަބްދުއްރަހީމް ތުހުމަތު ކުރާ ގޮތުގައި ރައީސް މައުމޫން ވަނީ ޕާޓީ އެއްކޮށް ހިސޯރުކޮށްދަ އެވެ. އަދި ޕާޓީ ހިސޯރުކޮށްގެން ހަރަކާތްތައް ހުއްޓާލާފައި ބޭއްވުމުގެ ފުރުސަތު މައުމޫން ނަމަވެސް ނުދެއްވާނެ ކަމަށް އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ.