ރާއްޖޭގެ ޝަރުއީ ނިޒާމާއި މެދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފި އެވެ. ޝަރުއީ ނިޒާމްގައި މިހާރު ހިނގާ ބައެއް ކަންކަމާ ގުޅިގެން ސުވާލު އުފެދޭ ކަމަށް މައުމޫން ވިދާޅުވީ ޕީޕީއެމް އިސްލާހީ އެޖެންޑާއެއް މިރޭ އިއުލާން ކުރައްވަމުން ނެވެ.
މައުމޫން ވިދާޅުވީ މިފަހަކަށް އައިސް ކަންކަން ހިނގަމުން ދާގޮތުން އަދި ހާއްސަކޮށް ޝަރުއީ ދާއިރާ އިން ވެސް ކަންތައްތައް ކުރާ ގޮތުން ޝަރުއީ ދާއިރާއާ މެދު ވެސް އާންމުންގެ ކަންބޮޑުންތައް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބެސްޓް ޕްރެކްޓިސްތަކުގެ ބޭރުން ކަންކަން ކުރާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ނުހަނު ގެއްލުންތައް ވަމުން އަންނަ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ޒިންމާ ދާރު ކަމައި ދެ ފުއް ފެންނަ ގޮތައް ކަންތައް ކުރުމުގެ އުސޫލާއި އިންޓާނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ހިލާފަށް އަދި ކޮރޮޕްޝަނަށް މަގު ފަހިވާ ގޮތައް ކަންތައްތައް ވަމުން އެބަދޭ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާއި މެދު ސުވާލު އުފެދޭ ގޮތައްވެސް ކަންތައް ވަމުން އެބަދޭ. މިހުރިހާ ކަމަކީ އާންމު ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ގަބޫލު ކުރެވޭ ގޮތުގައި މައުމޫން އެ އިޝާރާތް ކުރައްވަނީ، ސުޕްރީމް ކޯޓުން މައްސަލަ ބެލުމެއް ނެތި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަތައް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެވެ. އަދި ޝަރީއަތްތައް ހިނގަނީ އިންސާފަށް ނޫން ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
މައުމޫން ވިދާޅުވީ މިފަދަ ކަންތައްތަކުގެ ސަބަބުން ޕާޓީގެ ތަސައްވަރު އާންމުންގެ މެދުގައި މުޅިން ކިލަބުވެފައިވާ ކަމަށާއި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވެސް އެކީގައި ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުން އަމަލު ކުރަމުން އަންނަ ގޮތުން ގައުމާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ޑިސިޕްލިން ގެއްލި އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމާއި ޕާޓީގެ ރައީސްގެ މަޝްވަރާއާ ހިލާފަށް އަމަލު ކުރަމުން ގެންދުޔުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާ ކަމަށެވެ.
ޕީޕީއެމްގެ ހާލަތު ވަރަށް ދަށުގައިވާ ކަމަށާއި އެޕާޓީގެ ރައީސްގެ ބަސް ނުވިކޭ ކަމަށް މައުމޫންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން ޕާޓީ އިސްލާހު ކުރެއްވުމުގައި މެންބަރުންގެ އެހީ ތެރިކަން ބޭނުންވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ވަކިން ހާއްސަ ތިން ކަމަކަށް މައުމޫން ވަނީ މެންބަރުން ފަރާތުން އެދިފައެވެ.
އޭގެ ތެރޭގައި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މަސައްކަތް ކުރެއްވުމާއި އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި، އިންތިހާބުވެވަޑައިގެންފައި ތިއްބެވި ބޭފުޅުން އަމަލު ކުރައްވަނީ މެންބަރުންގެ ވިސްނުމާ އެއްގޮތައްތޯ ބެއްލެވުމަށާއި ގައުމުގެ ކަންތައްތަކަށް ފުންކޮށް ވިސްނައި މިނިވަން ހިޔާލުތައް ޕާޓީގެ ގޮފިތަކާއި އަދި ލީޑާޝިޕަށް ހިއްސާ ކުރެއްވުމުގެ އިތުރުން 2018 ވަނަ އަހަރުގެ ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރު ކުރެއްވުމުގައި މެންބަރުންގެ ހިޔާލު ހުރިގޮތް މައުމޫންއާ ހިއްސާ ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.