ހަބަރު

ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާއެއް މައުމޫން އިއުލާންކުރައްވައިފި

Jun 30, 2016
7
  • ޕީޕީއެމްގެ ތަސައްވަރު ވަނީ އެކީ ކިލަނބުވެފައި
  • ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން އެބަ ހިނގާ
  • ޕާޓީގެ ހުރިހާ ގުނަވަނެއް ވަނީ ފެއިލްވެފައި

ޕީޕީއެމްގެ ތެރެއަށް ކޮރަޕްޝަން ވަރަށް ބޮޑަށް ވަދެ، ޕީޕީއެމްގެ ގުނަވަންތައް ފެއިލްވެފައި ވާތީ، ޕާޓީގެ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އަދި ޕީޕީއެމްގެ އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މިފަހަކަށް އައިސް ހިނގަމުން ދިޔަ ކަންކަމުގެ ސަބަބުން ޕާޓީގެ ތަސައްވަރު އާންމުންގެ މެދުގައި މުޅިން ކިލަބުވެފައިވާ ކަމަށާއި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވެސް އެކީގައި ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. މައުމޫން ވިދާޅުވީ ޕާޓީ އުފެއްދެވި މަގުސަދާއި އަސާސީ ގަވާއިދާ ވެސް ހިލާފަށް ޕާޓީގެ އެކި ގުނަވަންތަކުން އަމަލު ކުރަމުން ދާ ކަމަށެވެ. އަދި ނަތީޖާއަކަށް ވަނީ ޕާޓީގެ ގުނަވަންތައް އެކީ ފެއިލްވެފައިވުން ކަމަށާއި އިސްލާހުތައް ނުގެނެވިއްޖެ ނަމަ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫ ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ޕާޓީގެ ޑިމޮކްރަސީގެ ދުވެލި ފަހަތަށް ގޮސް މުޅި ޕާޓީގެ ތަސައްވަރު އެކީ ކިލަބުވެފައިވާ ކަމަށެވެ.

"މިގޮތަށް މައްސަލަތައް ހައްލުނުވެ ވަގުތު ގެއްލެމުން ދާތީ އަދި ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުންތައް އެއްދުވަހުން އަނެއް ދުވަހުން އިތުރުވަމުން ދާތީ ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް މާތްﷲގެ ވާގިފުޅާއި މަދަދާ އެކު އަޅުގަނޑު ފަށައިފި ވާހަކަ އަޅުގަނޑު ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕާޓީގެ ތެރޭގެ އިސްލާހުތައް ގެނައުމަށް، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ރައީސްގެ އިތުރުން އަށް މެންބަރުންގެ "މަޝްވަރާ މަޖިލީހެއް" އެކުލަވާލައި އެކަން މިހާރު ފަށާފައިވާ ކަމަށެވެ. އެ ކޮމިޓީ އިން ކުރާނެ މައިގަނޑު މަސައްކަތަކީ މައުމޫން ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގެ ނިޒާމުތައް އިސްލާހުކޮށް، ޕާޓީގެ އަސްލު މައިގަނޑު އުސޫލުތަކަށް ރުޖޫއަވުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަން:

  • ޕާޓީގެ ނައިބު ރައީސުންނަކީ ޕާޓީގެ ރައީސްއަށް އެހީތެރިވެދޭ ބަޔަކަށް ހެދުން
  • ޕާޓީގެ ހާލަތު ދެނެގަތުމަށް ޕާޓީގެ ސައްހަ މެންބަރުންގެ އަދަދާއި ސައްހަ ގޮފިތަކުގެ އަދަދު ހޯދުން
  • ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައި ހުރި ހުރަސްތައް ބަލައި އެކަން ނައްތާލުން
  • ޕާޓީ ހިންގައި ޕާޓީގެ ގޮފިތަކަށާއި މެންބަރުންނަށް ކަންކަން އަންގާނީ ޕީޕީއެމްގެ އިދާރީ އޮފީސްކަމަށް ހަމަޖެއްސުން
  • ޕާޓީ އިތުރަށް ޑިމޮކްރެޓިކް ކޮށް، އާންމު މެންބަރުންގެ ހިޔާލު ޕާޓީގައި އިތުރުކުރުން
  • ޕާޓީގެ މެނިފެސްޓޯއިން މިހާތަނަށް ހާސިލް ކުރެވުނު ކަންކަން ދެނެގަތުން

"ޕާޓީ އިސްލާހުކޮށް، ޕާޓީގެ ހަރުދަނާ އުސޫލުތަކަށް ރުޖޫއަވުމަށް މަސައްކަތް ކުރުމަކީ، އަސާސީ ގަވާއިދުގެ 45 ވަނަ މާއްދާގެ ބުނާ ގޮތުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަން ޖެހޭ ކަމެއް. އެހެން ކަމުން ޕާޓީގެ އެތެރެއިން އެކި އެކި މެންބަރުންނާއި ގުނަވަންތަކާއި ވާހަކަ ދައްކައިގެން ކުރިން ދެންނެވި މައްސަލަތަކަށް ހައްލެއް ފެނޭތޯ އަޅުގަނޑު ވަރަށް ގިނަ ދުވަސް ވަންދެން ވަރަށް ގިނަ މަސައްކަތް ކޮށްފިން. ހިތާމަޔާ އެކު ދަންނަވަން ޖެހޭނީ މިކަމަށް މަސައްކަތް ކޮށްކޮށް ވެސް އެއްވެސް ކުރިއެރުމެއް ވަނީ ނުލިބިއޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕީޕިއެމްގެ ޕީޖީ ގްރޫޕުން އަމަލު ކުރަމުން ދަނީ ޕާޓީގެ އަސާސީ ގަވާއިދާއި އަދި ރައީސްގެ ބަހާ ވެސް މުޅިން ހިލާފަށް ކަމަށެވެ. ހާއްސަ ގޮތެއްގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކުގެ ފަރާތުން، ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ ރައީސްއަށް ލިބިވަޑައިގެންނަވަން ޖެހޭ އެއްބާރުލުމެއް ލިބިވަޑައި ނުގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ. ނިހާން އަމަލުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އެންގެވުންތަކާއި ހިލާފަށް އަދި އަސާސީ ގަވާއިދުން ވެސް ބޭރުން ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ ށ ގައި ބުނެފައިވާގޮތުގައި ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތައް ވާންޖެހޭނީ ޕާޓީގެ މައިގަނޑު އުސޫލުތަކާއި ސިޔާސަތުތަކާއި އެއްގޮތް ނިންމުންތަކަކަށް. މިކަން މިހާ ސާފު އިބާރާތުން އޮތް އިރު، ޕާޓީގެ އަސާސުތަކާ ފުށުއަރާގޮތަށް ޕީޖީ ގްރޫޕުން ވިޕްލައިން ކަނޑައެޅިގެން އެބަދޭ. މިފަދަ ނިންމުން ތަކަކީ ސައްހަ ސިންމުންތަކެއް ނޫން، އެފަދަ ނިންމުންތަކުން ގައުމަށް ދަނީ ގެއްލުން ވަމުން،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަޅުރަށްތަކާއި ބިންތަކާއި ފަޅުތައް އިއުލާން ނުކޮށް ކުއްޔަށް ދޫކުރުމުގެ އިސްލާހަކީ ކަނޑައެޅިގެން އެ ޕާޓީގެ މަގުސަދުތަކާއި ހިލާފު އިސްލާހަކަށް ވީއިރު، ބިލަށް ވޯޓު ނުދެއްވަން އެމަނިކުފާނު އާދޭސްފުޅު ކުރައްވަމުން ގެންދަވަނިކޮށް، އެ ބިލް ފާސްކުރުމަށް ޕީޕީއެމްގެ މެންބަރުން ދެއްވި ވޯޓަކީ އެމަނިކުފާނާ ދެކޮޅަށް ނިންމެވި ގިނަ ނިންމުންތަކުގެ ތެރޭގައި ހިމެނޭ ނިންމުމެއް ކަމަށެވެ.

ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ދެއްވާގޮތަށް ޕީޕީއެމްގެ މެންބަރުންތަކެއް ގުޅިގެން އެކުލަވާލަން މަސައްކަތްކުރަމުންދާ ޕެޓީޝާނާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ، އެފަދަ ޕެޓިޝަނެއްގެ ވާހަކަ ރަސްމީކޮށް އެމަނިކުފާނާއި ހަމަޔަށް އައިސްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ބައެއް މެންބަރުން މީޑިއާތަކަށް ދެއްވި ބަސްދީގަތުންތަކުންނާއި ހަބަރުތަކުން އެ ވާހަކަ އަޑުއެއްސެވި ކަމަށެވެ. އަދި ވިދާޅުވީ އެ ޕެޓިޝަންގައި ސޮއިކުރެއްވި ބައެއް މެންބަރުން ސޮއިކުރެއްވުމަށްފަހު އެމަނިކުފާނަށް ގުޅުއްވާ، "ސޮއިކުރެއްވީ އެނޫންގޮތެއް ނެތިގެން،" ކަމަށް ވިދާޅުވި ކަމަށެވެ. އެހެންވެ އެ ޕެޓިޝަން ލިބުނަސް ގަބޫލު ނުކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ޕާޓީގެ ޑިސިޕްލިން ވަނީ ގެއްލިފައި، ޕާޓީގެ ރައީސްގެ މަޝްވަރާއާއި ހިލާފަށް އަމަލުކުރަމުން ގެންދިޔުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުން. މިއަދި ރާއްޖޭގައި އޮތީ ޕީޕީއެމް ސަރުކާރަކަށް ވާއިރު، ރައީސަށް ނޭނގި ގާނޫނު ތަކަށް ބޮޑު ބަދަލުތަކެއް އައިސްފި. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް ކޮރަޕްޝަނަށް ފަިވާގޮތަށް ކަންކަން ވަމުން ގޮސް ޝަރުއީ ނިޒާމަށް ސުވާލު އުފެދޭ ގޮތަށް ކަންކަން ވަމުން އެބަ ދޭ،" މައުމޫން ވިދާޅުވި އެވެ.

އިސްލާހީ ޕްރޮގްރާމް އިއުލާން ކުރެއްވުމާއެކު އެމަނިކުފާނު ވަނީ އިސްލާހީ މަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް ޕާޓީގެ ޕާލިމެންޓްރީ މެންބަރުންނާއި އާންމު މެންބަރުންނާއި ޕާޓީގެ ހުރިހާ ގުނަވަންތަކަށް އިލްތިމާސްކުރައްވާފަ އެވެ. މައުމޫން ވިދާޅުވީ ޕާޓީގެ އިސްލާހީ އެޖެންޑާއަށް ފަހު އަންނަ އަހަރުގެ ޖެނުއަރީގައި އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބަށް ފުރިހަމަޔަށް ތައްޔާރުވެވޭނެ އެވެ. އަދި މީގެ އިތުރަށް ޕްރައިމަރީއެއް ބާއްވާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މާތްﷲ ގެ މަދަދާއި ތައުފީގާ އެކު އަދި ތިޔަ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާ ތާއީދާ އެކު ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތުގައި ނުގުޑާ ފަދަ އަޒުމަކާ އެކު އަޅުގަނޑު ދެމި ހުންނާނެ ވާހަކަ ދަންނަވަން،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މި ހުށަހަޅާ އިސްލާހީ އެޖެންޑާ މާތް ﷲގެ ވާގިފުޅާ އެކު ފުރިހަމަ ކުރެވިއްޖެ ނަމަ ދިވެހި ރައްޔިތުންގެ ތެރޭގައި ޕީޕީއެމްގެ ތަސައްވަރު އިހު އޮތްގޮތަށް ރަނގަޅުވެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް 2018 ވަނަ އަހަރަށް ކަނޑައެޅި އެ އަހަރުގެ ރިޔާސީ އިންތިހާބު މާތްﷲ ގެ ވާގިފުޅާ އެކު ޕީޕީއެމްއަށް ކާމިޔާބުވާނެ،"

މައުމޫން ވިދާޅުވީ އިސްލާހީ އެޖެންޑާ ކާމިޔާބުވެއްޖެ ނަމަ، ގައުމަށް މިހާރު ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް ވެސް ހައްލު ކުރެވޭނެ އެވެ.