- ވަކި ކުރީ 2018 ގައިވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމުން
- މަޝްވަރާ މަޖިލީސް އެކުލަވައިލީ އިއްޔެ
- މި މަޖިލީހަކީ މައުމޫނަށް ލަފާ އަރުވާ މަޖިލީހެއް
ރައީސް މައުމޫން އަދި ޕީޕީއެމްގެ ރައީސް އުފެއްދެވި އެ މަނިކުފާނަށް މަޝްވަރާ އަރުވާ މަޖިލީހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަކިކުރައްވައިފި އެވެ. އިއްޔެ އުފެއްދި އެ މަޖިލީހުން އުމަރު ވަކިކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް މިއަދު އުމަރު އިއުލާން ކުރެއްވުމުންނެވެ.
ޕީޕީއެމް އިން މިރޭ ކުއްލި ގޮތަކަށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމުން އުމަރު ވަކި ކުރެއްވީ އެ ޕާޓީގެ ރައީސް މައުމޫން ކަމަށެވެ. އެއީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާން ކުރެއްވުމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގައި މައުމޫންގެ އިތުރުން ތިއްބަވަނީ ހަތް މެންބަރުންނެވެ. އެ މަޖިލީހަކީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ ދަށުން ޕާޓީގެ ބޭރުން ލަފަޔާ މަޝްވަރާ ހޯދުމަށް އެކުލަވާލެވިފައިވާ މަޖިލީހެކެވެ.
ޕީޕީއެމްގެ މަޝްވަރާ މަޖިލީހެއް އެޕާޓީގެ ރައީސް މައުމޫން ކުއްލި ގޮތަކަށް އުފެއްދެވީ ޕީޕީއެމް ތެރޭގައި މައްސަލަޖެހި ބައިބައި ވެފައި ވަނިކޮށެވެ. އަދި މިއަދު މުލިޔާގޭގައި އެޕާޓީގެ ޕީޖީ ގްރޫޕުން ވަނީ މަޝްވަރާ މަޖިލީހަކީ ގަވައިދާ ހިލާފަށް އުފެއްދި މަޖިލީހެއް ކަމަށް ބުނެ އެކަން ކުށްވެރި ކުރައްވާފަ އެވެ.
ޕީޕީއެމް މަޝްވަރާ މަޖިލީހުގައި މިހާރު ތިބި މެންބަރުން
- މައުމޫން އަބްދުލް ގައްޔޫމް
- އަހުމަދު ޒާހިރު
- ހަމްދޫން ހަމީދު
- އަނީސާ އަހުމަދު
- ރާޝިދާ ޔޫސުފް
- އާމިނަތު އާތިފާ
- މުހައްމަދު ޒުހައިރު
- އާމިނަތު ނާދިރާ