ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ބޭނުންވަނީ ކޯޗުކަމުން މާކް ވިލްމޮޓްސް ވަކިވާން ކަމަށް އޭނާ ބުނެފި އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުގައި ރޭ ވޭލްސް އަތުން ބަލިވި މެޗަށް ފަހު ކޯޓުއާ ބުނީ ކޯޗާ މެދު އޭނާ ދެކޭގޮތް މެޗަށް ފަހު ބުނެފައިވާނެ ކަމަށެވެ.
"މިއީ އަހަރުމެންނަށް ދެން ނުލިބޭނެ ފުރުސަތެއް. ފައިނަލެއްގައި ކުޅުމަކީ އަހަރުމެން ދެކެމުން އައި ހުވަފެނެއް. [މިހެންވެ] އަހަރެންގެ ހިޔާލު ޗޭންޖިން ރޫމުގައި ވާނީ [ކޯޗަށް] ދީފައި. ގޮތެއް ނިންމުމަކީ އޭނާގެ އަމިއްލަ ކަމެއް،" ކޯޗާ މެދު ދެކެނީ ކިހިނެތްތޯ މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން ކޯޓުއާ ބުންޏެވެ.
ޗެލްސީގެ 24 އަހަރުގެ ކީޕަރު ގަބޫލުކުރާ ގޮތުގައި ކޯޗުގެ ސަބަބުން ޓީމަށް ބޮޑެތި ގެއްލުންތަކެއްވެފައި އެބަހުއްޓެވެ. މި ގޮތުން ކޯޗު ބެލްޖިއަމް ޓީމުގައި ލައްވާ ކުޅުވާ ގޮތާއި ފުރަތަމަ 11 އަށް ނަގާ ކުޅުންތެރިންނާމެދު ކޯޓުއާގެ ހިތްހަމަނުޖެހުން އެބައޮތެެވެ.
ކޯޓުއާ މިހެން ބުނި ނަމަވެސް ކޯޗު ވިލްމޮޓްސް ބުނީ ކޯޓުއާ ހުރީ ޗެލްސީގައި ނާކާމިޔާބު ސީޒަނެއް ހޭދަކުރަން ޖެހުމުން ދެރަވެފައި ކަމަށެވެ.
"އޭނާ ހުރީ ޗެލްސީގައި ސީޒަން ދިޔަ ގޮތުން ވަރަށް މާޔޫސްވެފައި. ތައްޓެއް ހޯދަން އޮތީ މި މުބާރާތް. މުބާރާތުން ކެޓީމަ އޭނާ އެހުރީ މާޔޫސްވެފައި،" ކޯޗު ބުންޏެވެ.
ނަމަވެސް ވިލްމޮޓްސް ބުނީ ކޯޗުކަމުން އޭނާ ވަކިވުމުގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މި ގޮތުން މުހިންމު ކުޅުންތެރިންނަށް އަނިޔާވުމާއި ސަސްޕެންޝަނުގެ މައްސަލަތަކަކީ އޭނާ އަށް ބާރުފޯރުވޭ ކަންތައްތައް ނޫން ކަމަށް ވެސް ކޯޗު ބުންޏެވެ.
"އަހަރެން ވަކި ގޮތެއް ނުނިންމަން. ބަލަންޖެހޭނީ ވާގޮތެއް. އަހަރެން ކުރާނެ ކަމެއްނޫން ގިނަ އިންޖަރީތަކެއް ކުރިމަތިވެ ތަޖުރިބާކާރު ކުޅުންތެރިންނަށް ނުކުޅެވުމަކީ. ތަޖުރިބާ ކުއްލިއަކަށް އަހަންނަކަށް ވެސް ނުގެނެވޭނެ. އަހަންނަސް ހީވަނީ މިރޭ ވެސް ފަހަތުން ގޯސްތަކެއް ހެދުނީހެން. ކުޅުންތެރިން ޅަވީމަވެސް އެހެންވާނެ. އެކަމަކު އަހަރެން އެ ޒިންމާ ނަގަން،" ބެލްޖިއަމްގެ ކުރީގެ ކެޕްޓަން ވިލްމޮޓްސް ބުންޏެވެ.
އޭނާ އަދި ބުނީ ބެލްޖިއަމުގެ ކުޅުންތެރިންނަށް ހެދިގެން ނުވާނެ ގޯސްތައް މެޗުގައި ހެދިފައިވާ ކަމަށާއި ލަނޑު ޖަހާނެ ފުރުސަތުވެސް ލިބި ބޭނުން ނުހިފުނީ ކަމަށެވެ.