ދުންޔާ މައުމޫން

ރީނދޫ ހެދުމުގައި ދުންޔާ ރީތިވެއްޖެ!

މިއީ ރާއްޖޭގެ ސިޔާސީ ޖައްވަށް އާދަޔާ ހިލާފު ކުލަތައް އަރާ ދުވަސްކޮޅެކެވެ. ވެރިކަންކުރާ ޕާޓީގެ ތެރޭގައި ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ. ބަޔަކު މި ހަނގުރާމައަށް ދީފައިވާ ނަމަކީ "ކްލޭޝް އޮފް ގައްޔޫމްސް" އެވެ. އެއްބަފާ ދެ ބެއިންގެ ދެމެދު އުފެދިފައިވާ މި ހިޔާލު ތަފާތުވުމުގެ ސަބަބުން ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ.

ސަރުކާރާ އިދިކޮޅު ގިނަ ފަރާތްތަކެއް މިހާރު ވެސް އެބަ ތިއްބެވެ. އިދިކޮޅު އިއްތިހާދެއް އިނގިރޭސިވިލާތުގައި ވެސް އެބަ އޮތެވެ. ޕީޕީއެމްގެ ތެރޭގައި ވެސް ވަނީ ދެ ފެކްޝަނެވެ. މީގެ ތެރެއިން ކުރީގެ ރައީސް، މައުމޫން އަބުދުލްގައްޔޫމް ލީޑް ކުރައްވާ ފެކްޝަނަށް އެމަނިކުފާނުގެ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި ޔުމްނާ މައުމޫން ތާއީދުކުރައްވާކަން ހާމަވެ އެވެ. ނަމަވެސް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރުޣައްސާނު މައުމޫން ތިއްބެވީ ކޮން ފެކްޝަނެއްގައި ކަމެއް ސާފެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން ދުންޔާ ޣައްސާނުގެ ދެބެން މިހާތަނަށް ވާހަކަ ދައްކަވާފައެއް ވެސް ނުވެ އެވެ. ބުނެވޭ ގޮތުގައި އެ ދެ ބޭފުޅުން ތިއްބެވީ ރައީސް ޔާމީނާއެކު އެވެ.

މި ހަނގުރާމަ އުފެދި މައިދާން ގަރަނބުވި އިރު ދުންޔާ ހުންނެވީ ސަރުކާރު ތަމްސީލު ކުރެއްވުމަށް ޖެނީވާއަށް ވަޑައިގެންނެވެ. ދަތުރު ނިންމަވާލުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ދުންޔާ ފުރާވަޑައިގެންނެވީ ޕީޕީއެމް ތެރޭ ހުޅުހިފާ އަނދަމުން ދަނިކޮށެވެ. ދުންޔާ ރާއްޖެ ވަޑައިގަތުމަށް ފުރާވަޑައިގެންނެވިކަން އާންމު ކުރަން ފޮރިން މިނިސްޓްރީން ޓްވީޓެއްކުރީ މުލިއާގޭގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުން ރައީސް ޔާމީނަށް ތައުރީފުކޮށް، ރައީސް މައުމޫނަށް ފާޑުކިޔަމުން ދަނިކޮށެވެ.

އެ ވަގުތު ފޮރިން މިނިސްޓްރީން އާންމުކުރި ދުންޔާގެ ފޮޓޯއަށް އިދިކޮޅު ފިކުރަށް ލޯބިކުރާ ގިނަ ބަޔެއްގެ ހިތް ޖެހުނެވެ. ހަމަ ކުއްލިއަކަށެވެ. އިއްތިފާގެއް ކަމެއް ނޭނގެ އެވެ. އެފަދަ ދަނޑިވަޅެއްގައި ދުންޔާ ތުރުކުރައްވައިގެން ހުންނެވީ ރީނދޫ ކުލައިގެ ހެދުމެކެވެ. ސަމާސާއަށް ނަމަވެސް ބަޔަކު ވަނީ ދުންޔާ އެމްޑީޕީއާ ގުޅެން ބޭނުންވެފައި ހުންނެވި ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ. މީގެ ކުރިން ލައްކަ ގިނައިން ދުންޔާއަށް ފުރައްސާރަކޮށް އެކަމަނާ ނަން ކިލަނބު ކުރި ވަރަށް ގިނަ މީހުން އިއްޔެ ވަނީ ދުންޔާ "ރީތިވެގެން" ޓްވީޓް ކޮށްފަ އެވެ.

ރީނދޫ ހެދުމެއްގައި ދުންޔާ ފެނުމުން ކުރިން ދުންޔާ ކަމުނުދާ މީހުންނަށް ވެސް ދުންޔާ މިހާރު މިވަނީ "ރީތި" ވެފަ އެވެ. ބައްޕާފުޅު މައުމޫންގެ ހުއްދަ ލިބިވަޑައިގެންފިނަމަ ދުންޔާ އެމްޑީޕީއާ ގުޅޭނެ ކަމަށް ބުނެ ބަޔަކު ވަނީ ޖޯކު ވެސް ޖަހާފަ އެވެ. އަދި ބައެއް މީހުނަށް ހީވީ ދެންމެ ދެންމެ ދުންޔާ އެމްޑީޕީއަށް ސޮއި ކުރައްވަނީ ހެނެވެ. މަރުހަބާ ގެ ޓްވީޓްތައްވެސް ނުކުތެވެ.

ކޮންމެއަކަސް ބޭރުގެ ގައުމުތަކުން އަމާޒުކުރަމުންދާ ފަޑުކިޔުންތަކާއި ފިއްތުންތަކުން ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ ކުރީގެ ސަފުގައި އަންޑަނަ ހިއްޕަވައިގެން ހުންނަވާ ފޮރިން މިނިސްޓަރު ދުންޔާ ނިންމާވާނެ ނިންމުމަކީ ކޮބައިތޯ ބެލުމަށް ކެތްމަދުވެފައި އެތައް ބަޔަކު އެބަ ތިއްބެވެ. ބައްޕާފުޅު ވަނީ މި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. ބައްޕާފުޅު އެގޮތަށް ވިދާޅުވާއިރު ދުންޔާ މި ސަރުކާރުގައި ހުންނަވާނެބާވަ އެވެ؟