ދުނިޔެ

ބަންގާޅުގައި ރަހީނުކުރި މީހުންގެ ތެރެއިން 14 މީހަކު ސަލާމަތްކޮށްފި

ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން ބަންގަލަދޭޝްގެ ކެފޭ އަކަށް ރޭ، ހަމަލާދީ ރަހީނުކުރި މީހުންގެ ތެރެއިން 14 މީހުން ސަލާމަތްކޮށްފި އެވެ. އޭގެ ތެރޭގައި ރަހީނުކުރި ބިދޭސީންގެ ބަޔަކުވެސް ހިމެނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ހައެއްކަ މީހުން އަދިވެސް ވަނީ އައިއެސް ޖަމާއަތުގެ އަތް ދަށުގަ އެވެ.

ހަތިޔާރު އެޅި، ގާތްގަނޑަކަށް ނުވަ މީހަކު ވެގެން ހިސޯރުކޮށްފައި ވަނީ ޑާކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނާއި ޑިޕްލޮމޭޓުންގެ މެދުގައި މަގްބޫލު ކެފޭއެއް ކަމުގައިވާ ހޮލޭއި އާޓިޝަން ބޭކަރީ އެވެ. މިހަމަލާ ދީފައިވަނީ ހަތިޔާރު އެޅި ނުވަވަރަކަށް ހަނގުރާމަވެރިން ކެފޭތެރެއަށް ވަދެގަނެގެން ކަމަށްވެ އެވެ.

ސިފައިންނާއި ހަނގުރާމަވެރިން މި ކެފޭ ކައިރީގައި ބަދަލުކުރި ހަމަލާތަކުގައި ފުލުހުންގެ އިސް ދެ އޮފިސަރަކު މަރާލާފައިވާއިރު 40 މީހަކު ޒަހަމްވެފައިވެ އެވެ.

އައިއެސް އިން މިހަމަލާދިން އިރު އެ ޖަމާއަތުން މިހާރުދަނީ ބަންގާޅުގައި އެމީހުންގެ ބާރުގަދަ ކުރަމުންނެވެ. އެހެން ނަމަވެސް މީގެކުރިން ބަންގާޅު ސަރުކާރުންވަނީ އެގައުމުގެ އައިއެސް ޖަމާއަތާއި ގުޅުން ހުރި އަދި އެފިކުރުގެ މީހުން ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

ފަހަކަށް އައިސް ބަންގާޅުގައި ދީނީ ތަޅާފޮޅުންތައް އިތުރުވެ އެހެން ދީންތަކުގެ މީހުންނަށް ހަމަލާދޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.