ޕީޕީއެމް ތެރެއަށް ކޮރޮޕްޝަން ވަދެ މެންބަރުންގެ ޑިސިޕްލިން ގެއްލިފައިވާ ކަމަށް ބުނެ އިސްލާހީ އެޖެންޑާއެއް ހުށަހެޅީ ސިޔާސީ މަންފާއެއް ހޯއްދަވަން ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ، ޕީޕީއެމް ތެރޭގައި މައްސަލަތައް ޖެހި ކޯޅުންތައް ގިނަވެފައިވާ ދަނޑިވަޅެއްގައި ކުއްލި ގޮތަކަށް ރައީސް މައުމޫން އިސްލާހީ އެޖެންޑާއެއް ހުށަހެޅުއްވުމުން ޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.
އެކަމައި ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އިސްލާހީ އެޖެންޑާއެއް ގެނައީ ސިޔާސީ ފައިދާއެއް ހޯއްދަވަން ނޫން ކަމަށެވެ. އަދި އެއީ ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން ޑިމޮކްރަސީގެ ހަމަތަކަށް ހިފަހައްޓައި އިހްތިރާމް ކުރުމުގެ ގޮތުން އުފެއްދި އެޖެންޑާ އެއް ކަމަށެވެ.
އިސްލާހީ އެޖެންޑާގެ އިތުރުން މައުމޫން ވަނީ އަށް މެންބަރުން ހިމެނޭ މަޝްވަރާ މަޖިލީހެއް ވެސް އުފައްދައިފައެވެ. ނަމަވެސް ރޭ އެ މަޖިލީހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވަކިކުރައްވާފަ އެވެ. އޭނާ ވަކި ކުރީ އަންނަ އިންތިހާބުގައި ޕީޕީއެމްގެ ޕްރައިމެރީގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމެވެ.
ކުށުގެ އިސްލާހު
މިހަބަރު ފުރަތަމަ ޝާއިއު ކުރި އިރު "ޕީޕީއެމްގެ މަޝްވަރާ މަޖިލިސް އެއް އުފެއްދީ" އެހެން ލިޔެފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ "އިސްލާހީ އެޖެންޑާއެއް ހުށަހެޅުއްވީ" އެހެން އޮތުމެވެ. އެހެން ކަމުން އެ ކުށަށް ވަރަށް ބޮޑަށް މާފަށް އެދެމެވެ.