ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމު މެރުން ފަސް ކުރުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ. އަދި ހުމާމުގެ ޝަރީއަތް ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އަލުން ހިންގުމަށް އދ. އިން ގޮވާލި އެވެ.
އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުމާމުގެ މައްޗަށް ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ޝަރީއަތް އަލުން ހިންގަން ޖެހޭ ކަމަށެވެ. އަދި ޝަރީއަތް އަލުންކުރުމަށް ހުމާމު ނުމަރާ ބަހައްޓަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އދ. އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހުމާމަށް ޝަރީއަތުގެ މަޖިލީހުގައި ލިބެންޖެހޭ ހައްގުތައް ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ތަހުގީގު އެއްކޮށް ނުނިމެނީސްކަން ވެސް އދ.އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޝަރީއަތް ބިނާކޮށްފައިވަނީ ހުމާމަށް މަޖުބޫރުކޮށްގެން ވެފައިވާ އިއުތިރާފެއްގެ މައްޗަށް ކަމަށް ވެސް އދ.އިން ވަނީ ބުނެފަ އެވެ.
ހުމާމުގެ މައްޗަށް މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވާފައިވަނީ އެ ކޯޓަށް އަފްރާޝީމްގެ ވާރިސުން ހުމާމު މެރުން ފަސްކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. ނުރަސްމީ ގަޑި ކަމަށް ބުނެ އެ ސިޓީ ބަލައިގެންފައެއް ނުވެ އެވެ.
މަރުގެ ހުކުމް އިއްވާތާ 30 ދުވަސް ތެރޭގައި ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ހުމާމަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނަމަވެސް 30 ދުވަހުގެ ތެރޭގައި އެ އިންތިޒާމް ހަމަނުޖެއްސޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.