ޕެނަލްޓީ ޖަހައިގެން އިޓަލީ 6-5އިން ބަލިކޮށް ޖަރުމަނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު ވެސް 1-1އިން އެއްވަރުވުމުން އިތުރު ވަގުތުކުޅެ ނަތީޖާ ނެރެފައިވަނީ ކޮންމެ ޓީމަކުން ނުވަ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޖަރުމަނުގެ މެސުޓް އޮޒިލް އެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީ އަކުން އިޓަލީ އަށް އެއްވަރުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. މިއީ ޖަރުމަނުގެ ޖެރޯމް ބޯޓެންގެ އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީ އެކެވެ.
ނަތީޖާ ނެރެން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކުން ވެސް ތިން ޕެނަލްޓީ ނާކާމިޔާބުވި އެވެ. ޖަރުމަނުން ކެޕްޓަން ބަސްޓިއަން ސްވައިންސްޓައިގާ އާއި އޮޒިލް އަދި ތޯމަސް މުލާ ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު ޓޯނީ ކްރޫސް އާއި ޖޫލިއަން ޑްރެޒްލާ ޕެނަލްޓީ ކާމިޔާބުކުރި އެވެ.
އިޓަލީގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ލޮރެންޒޯ އާއި ބަރްޒަގްލީ ޖެހި ޕެނަލްޓީ އެވެ. ގްރެޒިއާނޯ ޕެއްލޭ މާދުރުން ބޯޅަ ފޮނުވާލިއިރު ސިމޯން ޒަޒާ އާއި ބޮނޫޗީ ޖެހި ޕެނަލްޓީ ނާކާމިޔާބިވީ އެވެ.
ނަތީޖާ ނެރެން ޖެހި އިތުރު ޕެނަލްޓީ ތަކުގެ ތެރެއިން އިޓަލީގެ އެމަނުއާލޭ ގިއަޗެރްނީ މާކޯ ޕަރޯލޯ އަދި މަޓިއާ ޑިޝިގްލިއޯ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް މަޓިއާ ޑްރަމައިން ޖެހި ޕެނަލްޓީ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ދިފާއު ކުރި އެވެ. ދެ ރީނދޫ ކާޑު ހަމަވެގެން ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވި މަޓްސް ހުމެލްސް އާއި ޖޯޝުއާ ކިމިޗް އަދި ބޯޓެން ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ޖަރުމަނު މެޗުން މޮޅުކޮށްދިނީ ޖޯނަސް ހެކްޓާ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.
މިއީ ބޮޑު މުބާރާތެއްގައި އިޓަލީގެ މައްޗަށް ޖަރުމަނު ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ. ސެމީގައި ޖަރުމަނު ވާދަކުރާނީ މިރޭ އައިސްލޭންޑާއި ފްރާންސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
މި މެޗުގައި ޖެހި ޕެނަލްޓީ ތަކަކީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަނުގެ ފަރާތުން ފެނުނު އެންމެ ފީކަޅާ ޕެނަލްޓީތައް ކަމަށް ކުރީގެ ބައެއް ކުޅުންތެރިން އެއްބަސްވި އެވެ. އަދި އިޓަލީގެ ބައެއް ޕެނަލްޓީ ތަކަކީ ވެސް ނުހަނު އާދައިގެ ޕެނަލްޓީތަކެއް ކަމަށާއި މިހެންވާންދިމާވި އެއްސަބަބަކީ ދެ ޓީމު ވެސް މާބޮޑަށް ޕްރެޝަރުގައި އޮތުން ކަމަށް ވެސް އިންގްލޭންޑްގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ އާއި ޑިފެންޑަރު ރިއޯ ފާޑިނަންޑް އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ ފާހަގަކުރެ އެވެ.