ހަބަރު

ފެހެންދޫ ދަރިވަރުންގެ ފެރީ ގޮައިދޫ ސްކޫލުން ހަމަޖައްސައިފި

ބ. އަތޮޅު ފެހެންދޫން ގޮއިދޫ ސްކޫލަށް ކިޔަވަންދާ ދަރިވަރުންނަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ފެހެންދޫން ގޮއިދޫއަށްދާ 13 ދަރިވަރުންގެ ދަތުރުގެ އިންތިޒާމް ގޮއިދޫ ސްކޫލުން ހަމަޖައްސާފައިވަނީ، އެކުދިން މިހާތަނަށް ގޮއިދޫއަށް ދާން ދަތުރުކުރަމުން ދިޔަ ޑިންގީ، ކުދިންގެ އަތުން ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭ ކަމަށް ބުނެ ހުއްޓާލަން ފެހެންދޫ ކައުންސިލުން ނިންމުމާ ގުޅިގެންނެވެ. ގޮއިދޫ އާއި އެއް ފަޅެއްގައި އޮންނަ ފެހެންދޫގައި ސްކޫލެއް ނެތުމާއެކު އެރަށުގެ ކިޔަވާކުދިން ސްކޫލަށް ދަނީ 10 ވަރަކަށް މިނިޓްގެ ރާސްތާއެއް ޑިންގީގައި ދަތުރުކުރުމަށްފަހު ގޮއިދުއަށެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް މިއަދު ވިދާޅުވީ، ކުދިންގެ އަތުން ލިބޭ ފައިސާ ދަތުރުކުރުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށް ކައުންސިލުން ބުނާ ބުނުމަކީ ސާބިތު ނުހިފޭ ވާހަކައެއް ކަމަށެވެ. ފެހެންދޫގައި ދިރިއުޅޭ ސްކޫލް ކުދިންނަށް، ފާއިތުވި ދެ އަހަރު ވަންދެން ކައުންސިލުން ދަތުރު އިންތިޒާމްކޮށްދެމުން އައީ ކުދިންގެ އަތުން އޭގެ އަގު ނަގައިގެން ކަމަށާއި އެއިން ކުދިންގެ އަތުން މަހެއްގެ މައްޗަށް ކައުންސިލަށް 13،000ރ. ލިބޭނެ ކަމަށެވެ. އެ އަގަކީ ވިޔަފާރީގެ ގޮތުން ބަލާނަމަވެސް ދެކޮޅު ޖެހޭ އަގެއް ކަމަށާއި އެހެންކަމުން ދަތުރު ހުއްޓާލަން ކައުންސިލުން ނިންމަންޖެހުނު ސަބަބެއް ނޭނގުނު ކަމަށެވެ.

"އާންމުކޮށް ޑިންގީއެއްގައި ފެހެންދޫން ގޮއިދުއަށް ނަގާނީ ކޮޅަކަށް 100ރ. ސްކޫލް ކުދިން އެބަދޭ ކޮންމެ ކުއްޖަކު 1000ރ. އެއިން ކޮންމެ ކުއްޖަކު 1000ރ. ދިނީމަ މަހެއްގެ މައްޗަށް ކައުންސިލަށް ލިބޭނެ 13،000. ދުވާލެއްގެ މައްޗަށް ކުދިން ކުރާނީ އެންމެ ގިނަވެގެން ވެސް 6 ދަތުރު އެހެން ކަމަށް ވާނަމަވެސް މަހަކަށް 13،000ރ. އިން ދެކޮޅު ޖެހޭނެ،" ނިޒާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލުން ކުރަމުންދިޔަ ދަތުރު މިއަދަށް ހުއްޓާލާނެ ކަމަށް ބުނުމުން އެކަމަށް ހައްލެއް ހޯދުމަށް ބެލެނިވެރިންނާ، ޑިންގީ އޮޕަރޭޓްކުރާ ފަރާތްތަކާ ވާހަކަދެއްކި ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރެވުނީ، ކުރިންވެސް އެކުދިން ދެމުން ގެންދިޔަ ގޮތަށް، އެޑިއުކޭޝަނުން އެކުދިންނަށް ދޭ 1000ރ. ފީއެއްގެ ގޮތު މަހެއްގެ މައްޗަށް ނަގައިގެން ދުއްވާނެ ފަރާތެއް ހޯދުން ކަމަށެވެ. އެކަން އެގޮތަށް މިހާރު ހަމަޖެހިފައިވާތީ ފެހެންދޫ ސްކޫލް ކުދިންގެ ސްކޫލް ދަތުރުތަކަށް މިހާރުން ފެށިގެން އެއްވެސް ބުރުލެއް ނާރާނެ ކަމަށް ޕްރިންސިޕަލް ނިޒާމް ވިދާޅުވި އެވެ.

އާބާދީގައި 293 މީހުން ރަޖިސްޓްރީގައިވާ ފެހެންދޫގައި މިހާރު ދިރިއުޅެނީ 115 ވަރަކަށް މީހުންނެވެ. ތައުލީމުގެ އިތުރުން އަސާސީ ގިނަ ހައްގުތަކެއް ރަށުން ނުލިބެ އެވެ. ފެހެންދޫގެ ގިނަ ކުދިންތަކެއް ގޮއިދޫއަށް ކިޔަވަންދާއިރު 13 ކުއްޖަކު ފިޔަވާ އެހެން ހުރިހާކުދިން ތިބެނި ގޮއިދޫގަ އެވެ.