ބޭރު ކުޅިވަރު

މާރިއޯ ގޯމޭޒަށް ޔޫރޯ ނިމިއްޖެ

ޖަރުމަނުގެ ފޯވަޑް މާރިއޯ ގޯމޭޒަށް ޔޫރޯގައި ދެން ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އޭނާގެ ފަލަމަސްގަނޑަށް އަނިޔާވީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ޖަރުމަނު މޮޅުވި މެޗުގަ އެވެ. މި މެޗުގެ 72 ވަނަ މިނިޓްގައި ގޮމޭޒް ބޭލީ އޭނާ އަށް ކުޅެވޭވަރު ނުވެގެންނެވެ.

ޖަރުމަނު ޓީމުން ބުނީ މިއަދު ކުރި ޓެސްޓްތަކުން އެނގޭ ގޮތުގައި 30 އަހަރުގެ ފޯވަޑް މި މުބާރާތް ނިމުމުގެ ކުރިން މުޅިން ފިޓެއްނުވާނެ އެވެ.

ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ ވަނީ މިކަމާ ކަންބޮޑުވެފަ އެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް. ހާއްސަކޮށް މުބާރާތުގެ އެންމެ މުހިންމު ހިސާބުން އޭނާ އަށް އަނިޔާވުމަކީ ފޫބައްދަނަ އުނދަގޫވާނެ ކަމެއް. އެކަމަކު އަހަރުމެން ޓީމުގައި އޮފްޝަންތައް އެބަހުރި. ޓީމުގައި އެބަތިބި ނަތީޖާ ނެރެވޭ ފެންވަރުގެ ކުޅުންތެރިން،" ލޯ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ފުރަތަމަ 11އިން ޖާގަ ނުލިބުނު ނަމަވެސް ގޮމޭޒް ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން މުހިންމު ގޯލުތަކެއް ވެސް ޖަހާދީފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ޖަރުމަނުގެ ފޯވަޑްލައިން ބަލިކަށިކޮށް ފެންނަމުންދާއިރު ގޮމޭޒް ނެތުމަކީ ކޯޗަށް އިތުރު މައްސަލައަކަށްވާނެ އެވެ.