ބޭރު ކުޅިވަރު

އަހަރުމެން މާމޮޅު: ޕަޔެޓް

އައިސްލޭންޑް އަތުން ރޭ 5-2އިން ފްރާންސް މޮޅުވީ ހުރިހާ ގޮތަކުން ވެސް އެ ޓީމު މޮޅުވުމުން ކަމަށް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް ބުނެފި އެވެ.

އައިސްލޭންޑް ކޮޅަށް ގޯލު ޖަހައިގެން މި މުބާރާތުގައި މިހާތަނަށް ތިން ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ބުނީ ގިނަ ގޯލުތަކެއް ޖަހަން އޭނާގެ ޓީމު އަރާއަރަފޯދިފައިވާ ކަމަށެވެ.

"ކުރިއަށް ކުޅެގަންނަށް އަހަރުމެންގެ ޓެލެންޓް މާގިނަ. އަހަރުމެން ގިނަ ގޯލުތަކެއް ޖެހީ ރަނގަޅަށް މަސައްކަތް ކޮށްގެން. ކުރީބައިގައި ގޯލެއް ޖެހުމުން ގިނަ ގޯލުތައް ޖަހަން ބޭނުންވެސްވި،" ޕަޔެޓް ބުންޏެވެ.

ރޭގެ މެޗުގައި ފްރާންސަށް ދެ ގޯލު ޖަހައިދިނީ ޖީރޫޑެވެ. އޭގެ ފަހުން ޕައުލް ޕޮގްބާ އާއި އޮލީވިއާ ޖީރޫޑް އަދި އެންޓޯނިއޯ ގްރިއެޒްމަން ވެސް ގޯލު ޖެހި އެވެ. ގްރިއެޒްމަން ޖެހި މި ގޯލާއެކު މުބާރާތުގެ ރަންބޫޓަށް ވާދަކުރާ ލިސްޓުގެ ކުރީގައި މިހާރުވަނީ އޭނާ އެވެ. މުބާރާތުގައި އޭނާ ޖެހި ގޯލުގެ އަދަދު މިހާރުވަނީ ހަތަރަކަށް އަރާފަ އެވެ.

މިކާމިޔާބީއާއެކު ސެމީ ފައިނަލުގައި ފްރާންސް ވާދަކުރާނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ޕޯޗުގަލް ވާދަކުރާނީ ވޭލްސްއާ އެވެ.

އިންގްލޭންޑް ވެސް ބަލިކޮށް ގަދަ އަށަކަށް ދަތުރުކުރި އައިސްލޭންޑަށް ގޯލު ޖަހައިދިނީ ކޮލްބެއިން ސިގްތޯސަން އާއި ބިޖާނަސަން އެވެ. މީގެ ތެރެއިން ސިގްތޯސަން ބުނީ ކުރީ މެޗުތަކާ ހިލާފަށް މި މެޗުގައި ރަނގަޅަށް ޑިފެންސް ނުކުރެވުނު ކަމަށެވެ.

"މި މެޗުގައި އަހަރުމެންނަށް އެކަން ރަނގަޅަށް ނުކުރެވުނު. އެކަމަކު މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރުމެން މުބާރާތުގައި ކުރިއަށްދާން ބޭނުންވި. އެކަމަކު މުބާރާތް ނިންމާލަން މިޖެހުނީ ވެސް އަހަރުމެން ކުރިން ހީކުރިވަރަށްވުރެ މާކުރީގައި ތިބެގެން،" ސިގްތޯސަން ބުންޏެވެ.

ކެޕްޓަން އާރޮން ގުނަސަން ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުމަކީ މެޗު ގެއްލެން ދިމާވި ސަބަބު ކަމަށެވެ.

"އަހަރުމެން ހާފް ޓައިމްގައި ނިންމީ މެޗު ދޫކޮށްނުލާ ހިތްވަރުކުރަން. އަހަރުމެންނަށް ރަނގަޅަށް ކުޅެވުނީ ފަހުހާފުގައި. މުބާރާތުގެ މިހާހިސާބަށް އާދެވުމަކީ ފަހުރެއް. އަހަރުމެން ދެރަވެފައިމިތިބީ ބަލިވީމަ. އަދި އެހާމެ އުފާވެސްވޭ ކުއާޓާ ފައިނަލަށް އާދެވުމުން. މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވެސް ވަރަށް ބޮޑު މަސައްކަތުން ހޯދުނު ކާމިޔާބީއެއް،" ގުނަސަން ބުންޏެވެ.