ހަބަރު

ޓޫރިޒަމަށް އިންވެސްޓްކުރަން ރާއްޖެއާ ޕާކިސްތާނު އިތުރަށް ގުޅެންޖެހޭ: ހައިކޮމިޝަނާ

ރާއްޖެ އާ ޕާކިސްތާނާ ދެގައުމުގައި، ދެގައުމުންވެސް ފަތުރުވެރިކަމަށް އިންވެސްޓުކުރާނެ ފުރުސަތުތަކެއް އެބަހުރި ކަމަށް ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ދަ އިންޓަނޭޝަނަލް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރަން އެތައް ކަމެއް ކުރަން އަދިވެސް ދެ ގައުމުގައި އެބަހުރި ކަމަށެވެ. އަދި އެކަމަށް ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އަދިވެސް އެތައް ގުނައަކަށް އިތުރުކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެ އާ ޕާކިސްތާނާ ދެމެދު މިހާރުވެސް ވަރަށް ގާތް ގުޅުމެއް އެބައޮތް، ދެގައުމު ދެމެދު އިތުބާރާއި، ޔަގީންކަން އަދި އެއް ދީނެއްގެ މަތީ ސާބިތުވެ ތިބިކަމީވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް، މިހާރުވެސް ދެގައުމުގައި ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް. ދެގައުމުން ދެގައުމުގައި އިންވެސްޓުކުރަން މިހާރަށްވުރެވެސް ދެގައުމު ގުޅެން ޖެހޭ، އަދި އެއީ ދެގައުމުގެ ގުޅުން އިތުރުވާނެ ކަމެއްވެސްމެ،" ސަލީމް ވިދާޅުވި އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްފައިވަނީ 1972 ވަނަ އަހަރު ކަމަށާއި މިވީ ދުވަސްތަކުގެ ތެރޭގައި ފަތުރުވެރިންގެ ވަރަށް މަގުބޫލު ތަނަކަށް ރާއްޖެ ވެއްޖެ ކަމަށެވެ. ފަތުރުވެރިކަން އައުމަށްފަހު ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައިސްފި ކަމަށާއި ދިވެހިންގެ އިްގތިސާދު މީގެކުރިން މަސްވެރިކަމަށް ބިނާވެފައި އޮތް އޮތުން ބަދަލުވެ ފަތުރުވެރިކަމަށް ރާއްޖޭގެ އިގްތިސާދު ބިނާވެއްޖެ ކަމަށެވެ.

ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ތަރައްގީކުރަން ކުރެވިދާނެ ކަންތައްތަކަށް އަލި އަޅުއްވާލާ ވިދާޅުވީ ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ވިސްނަމުންދާ ކަމަށެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ އަދި ސަގާފަތް ހިމެނޭ ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރަމުންދާ ކަންތައްތައް ފާހަގަކުރައްވާ ސަލީމްވަނީ އެކަމަށް ތައުރީފް ކުރައްވާފަ އެވެ.