ބަޔަކު ވާހަކައެއް ދައްކައިލިހައިރުން ރައީސް މައުމޫނު ގާތަށް އައީ ހިންޏެވެ. ރައީސް ނަޝީދަށް ވީވަރަކީ އެރޭ ހަނދާން ކުރައްވައިގެން ރޮވޭ ގޮތްވީ އެވެ. އެއްބަޔަކަށް ހެވޭނެ އެވެ. އަނެއް ބަޔަކަށް ރޮވޭނީ އެވެ. އެކަހަލަ ކޮންމެވެސް ކަމެއް ވެއްޖެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާއެކު އާދަލާތު ޕާޓީގެ ރައީސް ޝައިހް އިމްރާނަށް ވެގެން މިއުޅެނީ ކީއް ހެއްޔެވެ؟ އިމްރާނަށް "ކުރުފަލަ ކަޅު އެއްޗެއް" ފެނި ވަޑައިގަތީ ހެއްޔެވެ؟ ނާޒިމަކީ ވެރިކަން ހޯދަން މީހަކު މަރާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން އިމްރާނަށް އެބައޮތެވެ. ނާޒިމް ގޮތަށް އެތައް ބަޔަކު ޖަލުގައި ތިބެން ޖެހިދާނެ ކަމަށް އިމްރާން ޔަގީން ވެއްޖެ އެވެ. ނާޒިމަކީ އަނިޔާ ލިބިގެންވާ މީހެއް ކަމަށް އިމްރާން ބުނަނީ ކީއްވެގެން ހެއްޔެވެ؟ ވަރަށް ގާތް ގުޅުމެއް އޮންނަ އެކުގައި ދިރިއުޅުއްވާ ދެބޭފުޅުންތޯ އެވެ؟ އެކުގައި ސިފައިންގޭގައި އުޅުއްވިތޯ އެވެ؟ ކުއްލި ގޮތަކަށް އިމްރާން މާ ވާހަކަ ގިނަވެގެން މިއުޅުއްވަނީ ކީއްވެގެން ހެއްޔެވެ؟
ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކުން އޭނާ ބަރީއަކޮށްދޭން ނުކުމެ އޮތް ގާނޫނީ ވަކީލުންނާއި ހަބީރުން (އެކްސްޕާޓުން) ގެ ޓީމުގައި އިމްރާނެއް ނުހިމެނެ އެވެ. އެކަމަކު ނާޒިމްގެ މައްސަލައިގައި އެ ޓީމުން ނުބުނާ އަދި ޔަގީންކޮށް ނުދޭ އެއްޗެހި އިމްރާން ޝައްކެއް ނެތް މިންވަރަށް އެބަ ވިދާޅުވެ އެވެ. ފުލުން ނާޒިމާމެދު ކަންކޮށްފައިވާ ގޮތް ކަމަށް ބުނެ އެޓީމުން ވެސް އުފައްދަނީ ޝައްކެވެ. އެކަމަކު އިމްރާނަށް ޔަގީނެވެ.
ޖަނަވަރީން 18 ވަނަ ދުވަހުގެރޭ ނާޒިމްގެ ގެއަށް ފުލުހުން ވަދެފައި ވަނިކޮށް 21 ވަނަ ދުވަހު ކުއްލި ގޮތަކަށް އިމްރާން ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އެދުހު ނޫސްވެރިން ގާތުގައި އިމްރާން ވިދާޅުވީ ފުލުހަށް ގެންދިޔައީ އޭނާއާ ދެކޮޅަށް ފުލުހުން ކުރާ ތަހުގީގެއްގައެއް ނޫނެވެ. ފުލުހުންގެ އެދިގެނެވެ. އެކަމަކު ޝައިހު އެދުވަހު ވަޑައިގެންނެވީ ފުލުހުންނަށް ދަރުސެއް ދެއްވާކަށް ނޫންދޯ އެވެ. އެންވީމާ ކޮންމެވެސް ކަމެއް ހިންގައިފި އެވެ. އެނޫނީ ރައީސް މުހައްމަދު ނަޝީދާއި ބައެއް އިސް ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފައްދައި އިމްރާން އަޑުގަދަކޮށްލާންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ކޮންމެވެސް ކަމެއް ވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ގާނޫނޫ އަސާސީއާ ހިލާފުވެއްޖެ ކަމަށް ބުނެ ޖޭޕީ އެމްޑީޕީ ތެޅިފޮޅި ގަތުމާއެކު މި ސަރުކާރުން ވިޔަފާރިވެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ޖޭޕީއާއި އެމްޑީޕީގެ ފަހަތުން މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) ކިޔާ ބަޔަކު ނުކުތެވެ. އެތާނގައި އިސްވެގެ ހުރީ ކާކު ހެއެވެ؟
ޓެކްސަށް މަކަރު ހެދުމާއި މީރާ އޮޑިޓަށް ދަތިކުރި ކަމަށް ތުހުމަތުވެގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހެއްގެ މައްޗަށް ދައުވާ ކުރަން މީރާ އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ކާކުގެ މައްސަލައެއް ހެއްޔެވެ؟ ބަލައި ފާސްކުރުމުގެ ތެރެއިން ނެގޭ ތަކެތި ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް ހައިކޯޓުން ހުކުމްކުރީ ކާކުގެ ކޮން ކަމަކާ ގުޅިގެން ހެއްޔެވެ؟ ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ޑިސެމްބަރު، 2012 މީރާއިން ބަލައި ފާސްކުރި އެވެ. އެއީ ގއ. ކޮލަމާފުށީ މަރިޔަމްމާގޭ، ފުއާދު ޒާހިރުގެ ނަމުގައި ހިންގާ ތިން ފިހާރައާއި އޭނާގެ ހިއްސާ އޮންނަ ޓްރެޒާ ބިޒް އިންޓަނޭޝަނަލާއި ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހެވެ. އޭނާއަކީ މި ޔޫނިއަންގެ ރައީސެވެ. ކޮންމެވެސް ވެއްޖެ އެވެ -- ހައިކޯޓާއި މީރާ ދޮގެއް ނުހަދާނެ އެވެ. ހައިކޯޓްގެ 2014 ވަނަ އަހަރުގެ ތިން ނަމްބަރު ގަޒިއްޔާ އާއި 2013 އިގެ 75 ވަނަ ނަމްބަރު ގަޒިއްޔާ ބަލައިލާށެވެ. މީރާއިން 2014 ވަނަ އަހަރުގެ އޯގަސްޓަ މަހުގެ 22 ވަނަ ދުވަހު އާންމު ކުރި ބަޔާން ނަގައިބަލާށެވެ. --
މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެމްޑީޕީ/ޖޭޕީން ބޭއްވި ބޮޑު ޖަލްސާއަކީ ގާނޫނު އަސާސީގެ ދިފާއުގައި ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާގައި އާދަޔާހިލާފު ކަމެއް ހިނގި އެވެ. އެއީ ދުވަހަކު ވެސް ސިޔާސީ ރެލީއެއްގައި ގަނޑެއް ބައްލަވައިގެން ވާހަކަފުޅު ދައްކަވާފައި ނުވާ ރައީސް ނަޝީދު އިސްޕީޗް ލިޔުއްވައިގެން ވާހަކަފުޅު ދެއްކެވުމެވެ. ގަޅިއެއް ނުޖެހި ސިޔާސީ ގޮތުން ބޭނުންފުޅުވާ ހުރިހާ ވާހަކައެއް އޭނާ ވިދާޅުވި އެވެ.
ހަމަ އެ ޖަލްސާގައި ބައިވެރި ވަޑައިގެންނެވި ގާސިމް އިބްރާހިމް ހެއްދެވީ ކިހިނެއްތޯ އެވެ؟ ގާނޫނު އަސާސީ އާ ހިލާފަށް ކުރި ކަމެއް، އެކަން ބަދަލު ކުރަން ކުރައްވާނެ ކަމެއް ވިދާޅުވިތޯ އެވެ؟ ވިދާޅުވީ ޑީއާރްޕީގެ ޒަމާނުގައި އެޕާޓީގެ ޖަލްސާއަށް ވަޑައިގެން ނަޝީދާ ދިމާއަށް ވެސް ވިދާޅުވި ވާހަކަތަކެވެ. މުޅީން ދެއްކެވީ މުދާ ނަގާ ވާހަކަ އެވެ. ވިދާޅުވީ "މުދާ ނަގާ ނަގާ ނަގާ"ށޭ އެވެ. ޔާމީން ގެއަށް ވަޑައިގަތުމަށެވެ. ކިރިކެޓްގައި ފަހު އޯވަރުގައި ހުރިހާ ބޯޅައެއް ހަޔަކަށް ޖަހަން ބެޓް ހޫރާހެން ހުރިހާ ވާހަކައެއް އުކައިލެއްވީ އެވެ. އެރޭ ނަޝީދަށާއި ގާސިމަށް އެވަރުވާންޖެހޭ ކޮންމެސް ކަމެއް ވެއްޖެ އެވެ.
ޕީޕީއެމާއި ޖޭޕީއާ ދެމެދުވި ކޯލިޝަން އެއްބަސްވުން އުވުނު ކަމަށް ފުރަތަމަ ބުނީ ޕީޕީއެމެވެ. އެކަމު މިދާދުވަހާ ޖެހެންދެން ޖޭޕީން ބުނަމުން އައި ކޯލިޝަން ނުރޫޅޭ ކަމަށެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އެހެން ބުނި އިރު ޕީޕީއެމުން ވެސް ފަހުން ބުނަމުން އައީ ކޯލިޝަން އެބައޮތް ކަމަށެވެ. ހުރި ހިލާފުތައް ނައްތާލަން މަޝްވަރާ ކުރާނީ ކަމަށެވެ. އޭގެ ފަހުން ރަސްމީކޮށް ކޯލިޝަން އުވިއްޖެ ކަމަށް އިއުލާން ކުރީ ޖޭޕީ އެވެ. އޭރުވެސް މިހާރުވެސް ކޯލިޝަނުގެ ހުރިހާ މަންޒަރެއްގެ ތެރެއިން ދައްކަނީ އެންމެ ތަންކޮޅެކެވެ. އެއީ "އާލަމްތަކުގެ ވެރި މާތްﷲ ގަންދީ" އޭ ބުނެ ކުރީގެ ރައީސް މައުމޫނަށް ނިސްބަތް ކުރާ ތަންކޮޅެވެ.
އެކަމަކު ކޮންޓްރެކްޓެއް ނުވަތަ އެގްރީމެންޓެއް ވަނީ ކިހިނެއް ހެއްޔެވެ؟ އެކެއްގެ މެދުގައި އެގްރިމެންޓެއް ނޯންނާނެ އެވެ. އެހެންވީމާ "އާލަމްތަކުގެ ވެރި މާތް ﷲ ގަންދީ" ވެގެން އުޅޭ އގްރިމެންޓް އުވާލައިގެން އުޅެނީ މައުމޫނެއް އެކަންޏެއް ނޫނެވެ. ދެފަރާތުންމެ އެތިބީ އެއާ ހިލާފުވެގެން ނޫންތޯ އެވެ؟ މިތާނގައި ކޮންމެވެސް ކަމެއް ވެއްޖެ އެވެ.
ގާސިމަށް ވުރެ ބޮޑު ވިޔަފާރިވެރިއެއް ކޮބައިހެއްޔެވެ؟ އެމަނިކުފާނު ހުންނެވީ ރައީސް ނަޝީދު އަރިހުގަ އެވެ. އެކަމަކު ކުއްލިއަކަށް ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް "އެހެން ވިޔަފާރިވެރިން" ވަންނަ ނަމަ، ސިޔާސީ ޕާޓީތަކުގެ ހަމައިގައި އެބޭފުޅުން މިނަންޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިޔަފާރިވެރިންނަށް އިންޒާރުން ދެއްވައިފި އެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ރިޝްވަތުގެ ގޮތު ދައުލަތުގެ ވަޒީރުން ބަހަން ދެއްވާ ކަމަށް ވަންޏާ އެ ފައިސާ ހުރި ތަނެއް ހޯދާނަމޭ ވެސް ވިދާޅުވެއްޖެ އެވެ.
އެއީ ގާސިމް އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ކުއްލި ގޮތަކަށް ބައްދަލު ކުރެއްވުމުން އައި ރުޅި ބޭރުކޮށްލީ ހެއްޔެވެ؟ އެމްޑީޕީގެ ރެލީގައި ހުންނަވާފައި އުއްޗު އަރިހަށް ގާސިމް ވަޑައިގަންނަވަން ޖެހޭ ކޮންމެވެސް ސަބަބެއް އޮންނާނެ އެވެ. އެފަހުން މި ދެރައަކު ރެލީގެ ތެރެއިން ގާސިމް ފެނި ވަޑައި ނުގަތް ސަބަބެއް ވެސް އޮންނާނެ އެވެ. ކޮންމެސް ކަމެއް ވެއްޖެ އެވެ.
ކޯނީ ރިޕޯޓްގައި ސަރުކާރުތައް ވައްޓައިލަންޖެހޭ ގޮތް އެބައޮތް ކަމަށް ބުނެ ވާހަކަ އުފަން ވެއްޖެ އެވެ. އެ ރިޕޯޓެއްގައި ސަރުކާރެއް ބަދަލު ކުރަންޖެހޭ ހާލާތެއް ކަނޑައަޅާފައެއް ނޯންނާނެ އެވެ. ކޯލިޝަނެއް ރޫޅުމަކީ ސަރުކާރެއްގެ ލެޖިޓިމަސީ ގެއްލޭ ކަމެއް ކަމަށް ކަނޑައަޅައިދީފައެއްވެސް ނޯންނާނެ އެވެ. އެއީ އެ ކޮމިޝަނުގެ އިހްތިސޯސްގައި ހިމެނޭ ކަމެއް ވެސް ނޫނެވެ. އެއީއަކީ ގާނޫނު އަސާސީ މާނަކޮށް ދުސްތޫރީ ޕްރިންސްޕަލެއް ނެރުމުގެ ބެލެނިވެރިކަން އޮތް ތަނެއް ވެސް ނޫނެވެ.
އެ ކޮމިޝަނުގެ ރިޕޯޓްގައި ބުނަނީ ރައީސް ނަޝީދުގެ މައްޗަށް ދެކޮޅުވެރިކަން ބޮޑުވީ ރައީސް ނަޝީދު ކޯލިޝަން ރޫޅައިލުމުން ކަމަށެވެ. އަދި އެ ސަރުކާރު ބަދަލުވީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިގެން ކަމަށެވެ. އެ ސަރުކާރު ބަދަލު ކުރަން ބަޣާވާތެއް ކޮށްފައި ނުވާ ކަމަށެވެ. ދެން ކޯނީގެ ރިޕޯޓްގެ ވާހަކަ ފެށީ ކީއްވެގެން ހެއްޔެވެ؟ ކޮންމެވެސް ކަމެއް ވެއްޖެ އެވެ.
ކޯލިޝަނެއް ރޫޅިގެން ސަރުކާރުގެ ގާނޫނީ ސަހަކަށް ގެއްލެނީ ކޮން ހަމައަަކުން ހެއްޔެވެ؟ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމްގެ ނަމެއް ނެތެވެ. ގާސިމް ޔާމީނަށް ދެއްވީ ތާއީދެކެވެ. ޔާމީނަށް ލިބި ވަޑައިގެންނެވި ޖުމްލަ ވޯޓަކީ ގާސިމަށް ދެއްވި ވޯޓެއް ކަމަށް ބަލާނެ ގާނޫނީ އަދި ދުސްތުރީ އެއްވެސް ޕްރިންސްޕަލެއް ނެތި، ކޯޓަކުން އެފަދަ ނިންމުމެއް ނުނިންމައި 25 ޕަސެންޓޭ، ސައްހައެއް ނުވާނޭ ބުނީމާ ދެން އުމުރުން ދުވަސްވީ މީހުން އެކަންޏެއް ކިރުބޯ ކުދިން ވެސް ހޭނެ އެވެ. ފީކަޅާ ވާހަކަ ނުދައްކާށެވެ. މިވާހަކަތައް ފަށަފަށައިގެން އުޅެންޖެހޭ ކޮންމެވެސް ކަމެއް ވެއްޖެ އެވެ. ހަމަ ހަގީގަތަށް ވެސް މިދިއަ ޑިސެމްބަރުން މިއަތަށް މިރަށުގައި އާދަޔާހިލާފު ކޮންމެވެސް ކަމެއް ވެއްޖެ އެވެ. ނޫނީ ކޮންމެވެސް ކަމެއް ވާން އެބައުޅެ އެވެ. ބުޅާ ގޯނިން ބޭރުވާކަށް ގިނަ ދުވަހެއް ނުނަގާނެ އެވެ. ބޭރުވާ ދުވަހު އެއްބަޔަކު ހޭނެ އެވެ. އަނެއް ބަޔަކު ރޯނެ އެވެ. ހުނުމަކީ ފަރުވާއެވެ. ރުއިމަކީ ވެސް ފަރުވާއެކެވެ. ތިބާއީ ދެގޮތް ވެސް ޖާއިޒެވެ.