ހަބަރު

އީދު ދުވަހު މާލޭގައި، ބޮޑުމަހާއެކު ސަގާފީ ހިނގާލުމެއް ބާއްވަނީ

ބޮޑުމަސް ދުއްވުމުގެ ހަރަކާތްތަކަކާއެކު އީދު ދުވަހުގެ ހަވީރު މާލޭގައި ސަގާފީ ހިނގާލުމެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ. ދިވެހި ސަގާފީ ކުލަތަކަކާއެކު ބޮޑުމަސް ދުއްވުމާއި، މާލި ނެށުމާއި ބޮޑު ބެރަށް ނެށުން ފަދަ ފޯރިގަދަ ހަރަކާތްތަކަކާއެކު މާލޭގައި ބާއްވާ ހިނގާލުން ފަށަން ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހަވީރު 4:30 ހާއިރު އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުގަތު މިއަދު ވިދާޅުވީ، އެ މިނިސްޓްރީން އީދު ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރާވާފައިވާ ހިނގާލުން ވެގެންދާނީ ދިވެހި ސަގާފީ ގިނަ ކުލަތަކެއް ފެނިގެންދާނެ ހިނގާލުމަކަށް ކަމަށެވެ. އެގޮތުން އީދު ހިނގާލުމުގައި، މާލި ނެށުމާއި ބޮޑުބެރު ޖަހައި، ބެރަށް ނެށުމާއި، ކުޑަކުދިންގެ ބޮޑުބެރު ހަރަކާތްތަކެއްގެ އިތުރަށް މާލިތަކުގެ ހެއްވާ މަޖާ ނެށުންތައް މާލޭގެ އެކި މަގުތަކުގައި ދައްކާލާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރުން ލަސްވެގެން ހަވީރު 4:30 ހާއިރު ފަށަން ހަމަޖެހިފައިވާ އެ ހިނގާލުމުގެ ސަފު އެންމެ ފުރަތަމަ ކުޅިވަރުގެ ހަރަކާތްތައް ދައްކާލަން މަޑުކުރަން ނިންމާފައިވަނީ މާފަންނު ނަލަހިޔާ ކުރިމަތީގައެވެ. އެއަށްފަހު މަޖީދީމަގުން އައިސް އޮލިމްޕަސް ކުރިމަތީގައެވެ.

"ތިން ވަނަ ސްޓޮޕަކަށް ހަމަޖެހިފައި މިވަނީ ވީޓީވީ ކުރިމަތި، އެއަށްފަހު ހިނގާލުމުގެ ބައިވެރިން ދާނީ ޖުމްހޫރީ މައިދާނަށް، އިތުރު ކުޅިވަރުތައް ދައްކާލަން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގަ،" ނާއިފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ އެ ހިނގާލުމުގައި އެޗްޑީސީ، އެމްޑަބްލިޔުއެސްސީ، ވިލިމާލެ ޒުވާނުންގެ އިތުރުން އޭއެމްޑީސީގެ މުވައްޒަފުން ބައިވެރިވާނެ އެވެ. އީދު ދުވަހު އެ ހިނގާލުން މާލޭގައި ކުރިއަށްގެންދިޔަ ނަމަވެސް ވަޅުއީދު ދުވަހު އެ ހިނގާލުމުގެ ބައިވެރިން ހުޅުމާލޭގައިވެސް ހިނގާލުން ބާއްވާނެ އެވެ.