ހަބަރު

ލ. އަތޮޅުގެ ތިން ރަށެއްގައި ހުއިފިލަނޑާ ބޮޑުކުރުމަށް ލޯނު ދޫކުރަނީ

އެގްރިކަލްޗާ މިނިސްޓްރީ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އިސްދުއާއި ދަނބިދުއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުއިފި ލަނޑާ ބޮޑުކުރުމުގެ މަޝްރޫއަށް ލޯނު ދޫކުރަން ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 17 އަށެެވެ. އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލަނޑާ ބޮޑުކުރުމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓާއި ލޯނު އަމާޒުކުރެވޭ ތިންރަށުގެ ކައުންސިލްގެ އިދާރާތަކުން މިހާރު ލިބެން ހުންނާނެއެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަބެލުމުގެ ގޮތުން މިތިން ރަށުގައި ކުރުމަށް ނިންމާފައިވާ އިރު، ތިން ރަށުން ޖުމުލަ 100 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، ފަށައިގަންނައިރު ފުރަތަމަ ފުރުސަތު ދޭން ނިންމާފައިވަނީ ކޮންމެ ރަށަކުން 10 ފަރާތަށެވެ. މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރަނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑާއެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

މިނިސްޓްރީން ބުނީ، ލޯނަށް އެދި ފޯމު ހުށަހަޅާނީ އިސްދުއާއި ކަލައިދޫއާއި ދަނބިދޫ، މި ތިން ރަށުގެ ތެރެއިން އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިދާރާއަށް ކަމަށެވެ.
ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 17 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށާއި، ހުށަހަޅާ ފޯމްތައް ކަނޑައެޅިފައިވާ މިންގަނޑުތަކުން ވަޒަންކުރުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ހޮވުމަށްފަހު ލަސްނުކޮށް އަންގާނެ ކަމަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލޯނު ލިބޭނީ މުޅި ލޯނުގެ 50 ޕެސެންޓް އަދާކޮށްފައިވާ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށެވެ.