ހަބަރު

މައުމޫނަށް ފިޔަވަޅު އަޅައިދިނުމަށް މެންބަރު އަސްއަދު އެދިއްޖެ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދެވެ.

ސުލޫކީ ކޮމެޓީއަށް އަސްއަދު މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ރައީސް މައުމޫން، ޕާޓީގެ އެތޭގައި ދިމާވި މައްސަލައަކާ ގުޅިގެން ޕާޓީގެ އަސާސީ ގަވައިދުން ޕާޓީގެ ރައީސްއަށް ލިބިވަޑައިގެންފައިވާ ބާރުތަކުގެ ބޭނުން ނާޖައިޒު ގޮތުގައި ހިތްޕަވާފައިވާ ކަމަށެވެ. އަދި ޕާޓީގެ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ޕާޓީގެ އެންމެހާ ކޮމިޓީތަކާއި ގުނަވަންތައް ހުއްޓުވާފައިވާ ކަމަށެވެ.

އަސްއަދުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ. ޕާޓީގެ އަސާސީ ގަވައިދުގެ 39 ވަނަ މާއްދާގެ (ށ) އާއި ހިލާފަށް ޕާޓީގެ ކައުންސިލްގެ ރުހުމެއް ނެތި ޕާޓީގެ މަޝްވަރާ މަޖިލީހެއް އުފައްދަވައި އެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.

އަސްއަދު އެދިފައިވަނީ މި ދެ މައްސަލަ ބަލައިދިނުމަށެވެ. އަސްއަދު އެދިފައިވަނީ އެކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސުލޫކީ ފިޔަވަޅު އެޅުމާއި ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށެވެ. އަދި ޕާޓީގެ ކައުންސިލާއި އެހެނިހެން ގުނަވަންތައް ހުއްޓުމަކަށް ގެންނަވާފައިވާ ގެންނެވުން ނިމުމަކަށް ގެނައުމަށެވެ.

ރައީސް މައުމޫންގެ މައްސަލައެއް ސުލޫކީ ކޮމެޓީއަށް އަސްއަދު ހުށަހަޅާފައިވާއިރު، އިއްޔެ މެންބަރު އަސްއަދުގެ މައްސަލައެއް ވެސް ޕާޓީގެ އާންމު މެންބަރަކު ވަނީ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފަ އެވެ. އެއީ، ޕީޖީ ގުރޫޕްގެ ތްރީލައިންވިޕާ މެންބަރު ހިލާފިވި މައްސަލައެކެވެ.