ރައީސް އަބްދުﷲ ޔާމީން

ބޭރުގެ ނުފޫޒު އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރާނަން: ރައީސް

  • މަރަށް މަރު ހިފަން މިދަނީ ތައްޔާރުވަމުން
  • މި ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެ
  • މަރު ހިފަނީ އެންމެންގެ ހައްގުގައި

ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެ، އެ ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ފިތުރު އާދުގެ މުނާސަބަތުގައި ގައުމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނޯންނާނެ ކަން އާމުކޮށް އިއުލާން ކުރުމުން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ޖަމްއިއްޔާއިންނާއި ދުނިޔޭގެ އެކި ހިސާބުން އެކަން ވަރަށް ބޮޑު މައްސަލައެއް ގޮތުގައި ނެގި ކަމަށެވެ. ނަމަވެސް އެފިޔަވަޅު އަޅަން ރައީސް ނިންމެވީ ދިވެހި މުޖުތަމައުގެ މަސްލަހަތާއި ރައްކާތެރިކަން އޮތީ އެގޮތުގައި ކަމަށް ރައީސަށާއި ކެބިނެޓަށް ގަބޫލުކުރެވިގެން ކަމަށެވެ.

"މިއީވެސް ބައިނަލްއަޤްވާމީ ގޮތުން މި ސަރުކާރަށް އަންނަ ވަރަށް ބޮޑު ގޮންޖެހުންތަކެއް، ފާޑުކިޔުންތަކެއް ރައްދުވާ މައްސަލައެއް. އެހެންނަމަވެސް، މި ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެ. މަރުގެ ހުކުމް ތަންފީޒު ކުރުމަކީ، މި ސަރުކާރުން މުޅި ރައްޔިތުންގެ ޙައްޤުގައި ކުރާނެ ކަމެއް. އެކަމަށް ބޭނުންވާ ތައްޔާރީތައް މިހާރު އެދަނީ ވަމުން. ޒުވާނުން ހަމަ މަގަށް އެޅުވުމަށްޓަކައި މިކުރާ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ކަހަލަ ކަންކަން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިނގައި ބައެއް މައްސަލަތަކުގައި ސިޔާސީ އިސް ފަރާތްތަކުން ކުރައްވާ ކަންކަމުގައި، އެބޭފުޅުންނަށް ހުކުމް އައިސް، ކޯޓުގެ ތެރެއިން އެހުކުމް ތަންފީޒު ވެގެންދާއިރު، ނުކުންނަ މައްސަލަތަކެއް މަދެއް ނޫން ކަމަށެވެ. އަދި އެ މައްސަލަތައް ބައިނަލްލަގުވާމީ މުޖުތަމައުގައި ދިވެހި ސަރުކާރާ ދޭތެރޭގައި ނަގަނީ ވަރަށް ނޭއްގާނިކޮށް ކަމަށާއި ރާއްޖެ ތަރައްގީގެ މަގުން ކުރިއަށްދާތީ އެކަމައި ކަންބޮޑުވާ ނޫނީ ހަސަދަވެރިވާ ފަރާތްތައް ތިބޭކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޖިނާއީ ޢަދުލުގެ ކުރިމަތީގައި ހަމަހަމަ ބައެއް. އެހެންވީމާ، ރާއްޖޭގެ ކިތަންމެ އިސް ފަރާތަކުންނަމަވެސް ޤާނޫނާޚިލާފު ބޮޑު ކަމެއް ހިންގައިފި ކަމަށްވަންޏާ، ޙައްޤު ޖަޒާ ނޫނީ ޙައްޤު އަދަބު ލިބިގެންދާނެ. އެއީކީ ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއް ނޫން. އެއީ ޢަދުލު އިންޞާފުގެ ދާއިރާއިން، ނޫނީ ޢަދުލު އިންޞާފުގެ މަގުގެ ތެރެއިން ނިމިގެންދާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު މެރުމަށް ހުކުމްކޮށްފައެވެ. އަދި މިއަދު އެކޯޓުން ވަނީ 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތު ވެސް މަރަން ހުކުމްކޮށްފައެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި ހަކީމް ދީދީ އެވެ.