ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް ނިމުމާއެކު މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްއްޔޫމް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ރައީސްގެ ވަނީ ކުރިން ވެސް ވިދާޅުވެ އެކިފަހަރު އެކި ތާރީހުތައް ވެސް ދެއްވި އެވެ. ނަމަވެސް ދައުރު ހަމަވާން ތިން މަހަށް ވެފައިވާ އިރު އަދިވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.
އެކަމަށް އިޝާރަތް ކުރައްވާ ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކި ގައުމުތަކަށް ގޮސް ދައުލަތަށް އުނދަގޫވާ ފަދަ ކަންކަން ކުރާ ކަމަށާއި އެކަން ކުރަނީ ސަރުކާރުން ދިވެހި އަދި އިސްލާމީ ސިފަތަކެއް ގެންގުޅެ، މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދައްކާތީ ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރުމުގ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަވާ ހިސާބުން އެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.
"އަޅުގަނޑުގެ ހާރިޖީ ސިޔާސަތުގައި މި ސަރުކާރުން އަމިއްލަ ސިފަތަކެއް ގެންގުޅޭތީދޯ ބަޔަކަށް އުނދަގޫ ވެގެން މި އުޅެނީ، އިސްލާމީ ސިފަތަކާއި ދިވެހި ވަންތަ ސިފަތަކާއި، އަދި އަޅުގަނޑުމެން ގަބޫލު ނުކުރާ ފަދަ ޑިމޮކްރަޓިކް އުސޫލު ނުގެންގުޅޭނަމޭ ބުނާތީ އުނދަގޫ ވެގެން މި އުޅެނީ، އަޅުގަނޑަށް ގޮން ނުޖައްސަވާ، އަޅުގަނޑުގެ ސަރުކާރުން އިރާދަކުރެއްވިއްޔާ ގިސޯސް ހިފާނީ، އެކަމާ ޝައްކު ނުކުރައްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައިސް ޔާމީނަކީ ރައްޔިތުންނަށް ބޮޑެތި ކަންކަން ބުނެފަ އެކަންކަމަކަށް ދޮގު ހަދާނެ މީހެއް ނޫން، ރައީސް ޔާމީން ރައްޔިތުން ކައިރީ ބުނާ ކަންކަން ކޮށްދޭނެ،ރައީސް ޔާމީން
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ނުދައްކާތާ 60 އަހަރުވެފައިވާ އިރު އެއްވެސް ސަރުކާރެއްގެ ވެރިއަކު އެކަން ކުރަން މަސައްކަތެއް ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ވާހަކަ އިދިކޮޅު އެއްވެސް ފަރާތަކަށް ނުދެއްކޭނެ ކަމަށާއި އެކަން ކުރާނީ ވެސް ރަައީސް ޔާމީންގެ ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.