- ހުރިހާ ކަމެއް އަންނަ މަހަށް ނިމޭނެ
- ތަންފީޒުކުރަން ޖެހޭ މީހުނަށް އަދަބު ދެވޭނެ
- މަރަން ހުކުމް ކޮށްފައިވަނީ ތިން މީހަކަށް
އަންނަ ސެޕްޓެމްބަރު މަހު މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ވަރަށް އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"ސެޕްޓެމްބަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް ހޯމް މިނިސްޓަރު އަޅުގަނޑަށް އެބަ ޔަގީންކަން އެބަ ދެއްވާ ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް، ތަނެއް ތައްޔާރުކުރުމާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ،" ޕީޕީއެމްއަށް އަލަށް ބަޔަކު ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެހާ ތަނަށް މަރުގެ ހުކުމް ތަންފީޒުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައި އިސްލާމީ ކައުންސިލިންނާއި ވާރިސުންގެ ބަހާއެކު އެކަން ކުރަންޖެހިއްޖެ ބައެއްގެ މައްޗަށް އެކަން ކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ނިޒާމްތައް އިންތިޒާމްތައް ހަމަޖެހިގެންދާނެ،"
މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން އަނެއްކާވެސް ދެއްވާފައިވާއިރު މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރާ ކޮޓެރި މިހާރު ވަނީ ގާއިމުކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީން މިދިޔަ އެޕްރީލް 23 ވަނަ ދުވަހު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.