އަލިގަދަ ތަރި

"އެންމެ އަލިގަދަ ތަރި" އަކަށް އާދަމް ނަސީމް

  • ނަސީމަށް 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ
  • "އެންމެ އަލިގަދަ ތަރި ޖޫނިއާ" އިފްތިތާހުކުރި
  • ބައިނަލްލަގުވާމީ ޤުރުއާން މުބާރާތެއް އިއުލާން ކުރި

ދެހާސް ސޯޅަ ވަނަ އަހަރުގެ "އެންމެ އަލި ގަދަ ތަރި" އަކަށް ށ، ފޯކައިދޫ. އިބްރާހިމް އާދަމް ނަސީމް ހޮވިއްޖެ އެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ އެންމެ އަގު ބޮޑު ގުރުއާން މުބާރާތް އަދި ރޯދަ މަހު، އެންމެ ގިނަ ބަޔަކު ބަލާ މި މުބާރާތުގެ އެންމެ އަލިގަދަ ތަރިއަކަށް އޭނާ ހޮވުނީ ތިން ޖަޖުންގެ ވޯޓުންނެވެ.

ނަސީމް އަށް އެންމެ އަލިގަދަ ތަރީގެ ޓްރޮފީއާ އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހުމާނު ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. މި ކާމިޔާބީއާއެކު އޭނާއަށް ބައި މިލިއަން ރުފިޔާގެ އިތުރުން އަގު ބޮޑު އިނާމުތަކާއި އިސްލާމިކް ޔުނިވާސިޓީން ދޭ ސްކޯލްޝިޕެއް ވެސް ވަނީ ދީފަ އެވެ. އޭނާއަށް ލިބުނު ޖުމްލަ އިނާމްގެ އަގު 1.9 މިލިޔަން ރުފިޔާއަށްވުރެ ގިނަ އެވެ.

އޭނާއަށް ވަނީ، ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީ އިން ވެސް އިނާމު ހުށަހަޅައިފަ އެވެ. އަދި ވިޔަފާރިތަކުގެ ތެރެއިން، އެމްއެޗްއޭ މޯލްޑިވިއަން، ޗައުސާ ދަމާސް، ފޯކަސް، ވީބީ، ބީއެމްއެލް، ބީއެޗްއެމް އަދި ކައުންޓްލައިން އިން އިނާމު ހުށަހެޅި އެވެ.

ނަސީމްއަށް ލިބުނު އިނާމްތައް:

  • ޕީއެސްއެމް އިން 500،000 ރުފިޔާ
  • އިސްލާމިކް ޔުނިވާސިޓީއިން ތިން އަހަރުގެ ޑިގްރީ ކޯސް
  • އަޔާދީތަކާފުލް އިން 1.3 މިލިއަން ރުފިޔާގެ ހެލްތު އިންޝުރަންސް
  • މޯލްޑިވިއަން އިން ޗެންނާއީއަށް ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓް
  • ބީއެމްއެލްގެ 10،000 ރުފިޔާގެ ގިފްޓް ކާޑް
  • ބީއެޗްއެމް އިން 25،000 ރުފިޔާ
  • ދަމާސް އިން 5000 ރުފިޔާ

އެލައިޑް އިންޝޫރަންސް އިސްލާމިކް ވިންޑޯގެ އެންމެ އަލިގަދަތަރީގެ ދެވަނަ އަށް ދިޔައީ ހއ. އުތީމު، އިބްރާހިމް އިމާޒެވެ. އިމާޒަށް ލިބުނު އިނާމުގެ ޖުމްލަ އަގު 1.3 މިލިޔަން ރުފިޔާއަށް އަރަ އެވެ. ތިންވަނަ އަށް ދިޔައީ ސ. މަރަދޫ، އަލްގާރީ އަބްދުﷲ ތޯލިބެވެ. އޭނާއަށް ލިބުނު އިނާމު އެއްމިލިޔަނަށް އަރަ އެވެ.

އެއްވަނަ އާއި ދެވަނަ އަދި ތިންވަނަ ހޯދި ތިން ބައިވެރިންނަށް ބޭނުން ދާއިރާއަކުން އިސްލާމިކް ޔުނިވާސިޓީގައި ތިން އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމްގެ ސްކޮލާޝިޕް ވެސް މިރޭ ދީފައި ވެއެވެ.

އިމާޒަށް ލިބުނު އިނާމްތައް:

  • އަޔާދީތަކާފުލް އިން 1.3 މިލިއަން ރުފިޔާގެ ހެލްތު އިންޝުއަރެންސް
  • ހެޔޮ އެދޭ ފަރާތަކުން، 30،000 ރުފިޔާ
  • ބީއެޗްއެމް އިން 15،000 ރުފިޔާ
  • ޓެޕް ކޮންސްޓްރަކްޝަން އިން 15،000 ރުފިޔާ
  • ބީއެމްއެލް އިން 10،000 ރުފިޔާގެ ގިފްޓް ކާޑް

އެންމެ އަލިގަދަ ތަރި ދައްކަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ރޭގަ އެވެ. މިއީ އެންމެ އަލި ގަދަ ތަރި ގެނެސްދޭ ހަތަރުވަނަ އަހަރެވެ. މިރޭގެ ޝޯގައި ޕީއެސްއެމް އިން ވަނީ ކުޑަކުދިންނަށާއި ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ބާއްވަން ނިންމާފައިވާ "އެންމެ އަލިގަދަ ތަރި ޖޫނިއާ" އިފްތިތާހުކޮށްފަ އެވެ. މީގެ އިތުރުން ރައީސްގެ ދައުވަތަކަށް ބާއްވާ ބައިނަލްލަގުވާމީ ޤުރުއާން މުބާރާތް ވެސް ވަނީ އިއުލާންކޮށްފައެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގު ބޮޑު މުބާރާތެވެ. މިއީ ޕީއެސްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކުގެ އިސް ނެންގެވުމަކަށް އެމްބީސީގެ ދުވަސްވަރު، ފެށި މުބާރާތެކެވެ.