އެންމެ މޮޅަށް ކީތިރި ގުރުއާން ކިޔަވާ މީހަކު ހޯދަން ޕީއެސްއެމުން އަންނަ ރޯދަމަހު ބާއްވަން ނިންމާފައިވާ "އެންމެ އަލިގަދަ ތަރީ" ގެ ފުވައްމުލަކު އޮޑިޝަން ނިންމާލައިފި އެވެ.
އަލިގަދަ ތަރީގެ ފުވައްމުލަކު އޮޑިޝަން ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 9:00 އިން ފެށިގެން ރޭ 11:00 އާ ހަމައަވެ. ރާއްޖޭގެ ނިސްބަތުން ކީރިތި ގުރުއާން ކިޔެވުމަށް މޮޅު ހާފިޒުން ގިނައިން ތިބި ފުވައްމުލަކުން، އެ މުބާރާތުގެ އޮޑިޝަން އަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ޕީއެސްއެމުން ވަނީ ބުނެފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އަލިގަދަ ތަރީގެ ޕްރޮޑިއުސާ އަލީ ރިލްވާން ވިދާޅުވީ، ފުވައްމުލަކުން ގިނަ އަދަދެއްގެ ބަޔަކު އިއްޔެ އޮޑިޝަން ދިން ކަމަށެވެ. އޮޑިޝަން ކުރި މީހުންގެ ތެރެއިން ދެވަނަ ރައުންޑަށް އަށް މީހުން ނަގާފައިވާއިރު އެ އަށް މީހުންނަކީ އެ މުބާރާތުގައި ވަރަށް ވާދަވެރި ކޮމްޕެޓިޝަންއެއް ދޭނެ މީހުން ކަމަށެވެ. ދެވަނަ ރައުންޑަށް ހޮވުނު އަށް ބައިވެރިންނަކީ ވެސް "ހައިރާން ކޮށްލާހާ" ރީއްޗަށް ގުރުއާން ކިޔަވާ މީހުން ކަމަށް ރިލްވާން ވިދާޅުވި އެވެ.
"ގުރުއާން އެކި ރާގުތަކަށް ކިޔެވުމަށް އެކަންޏެއް ނޫން އެ މީހުން މޮޅީ. ގުރުއާނާއި ބެހޭ އިލްމަށް ވެސް މޮޅު އެ ހުރިހާ ބައިވެރިން ވެސް. އޮޑިޝަންގައި ކުރި ސުވާލުތަކަށް ވެސް ވަރަށް ކުޅަދާނަކަމާއެކު ޖަވާބު ދީފައި ވަނީ ހުރިހާ ބައިވެރިން ކަހަލަ ގޮތަކަށް. ވަރަށް ޓަފް ކޮމްޕެޓިޝަނެއް މި އަހަރުގެ މުބާރާތުގައި ފުވައްމުލަކުގެ ފަރާތުން ދޭނެ ކަމަށް ޝައްކެއް ނެތް،" ރިލްވާން ވިދާޅުވި އެވެ.
ފުވައްމުލަކު އޮޑިޝަނަށްފަހު އެ ޓީމް ދެން ދަތުރުކުރާނީ ގދ. ތިނަދު އަށެވެ. ތިނަދޫ އޮޑިޝަން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެއަށް ފަހު ދެން އޮންނާނީ ހއ. އިހަވަންދޫ އޮޑިޝަން އެވެ. އެ އޮޑިޝަން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. މާލެ އޮޑިޝަން ބާއްވަން ހަމަޖެހިފައިވަނީ ފެށޭ ޖޫން އެއްވަނަ ދުވަހާއި ދެވަނަ ދުވަހު އެވެ.
އޮޑިޝަން ބާއްވާ ކޮންމެ ރަށަކުންވެސް ދެވަނަ ރައުންޑަށް ހޮވާ ބައިވެރިންގެ މެދުގައި އިތުރު އޮޑިޝަން އެއް ބާއްވާނެ އެވެ. އަސްލު މުބާރާތަށް ވާދަކުރާ 12 ބައިވެރިން ހޮވާނީ އެ އޮޑިޝަނުންނެވެ.