ޕީއެސްއެމް

"އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތް މި އަހަރު ނުބާއްވާނެ

Apr 16, 2019
13

"އެންމެ އަލިގަދަ ތަރި" މުބާރާތަށް ބޭނުންވާ ވަރަށް އެކަށީގެންވާ ބައިވެރިން ނުލިބުމުގެ ސަބަބުން މި ރޯދަ މަހު "އެންމެ އަލި ގަދަ ތަރި" ގުރުއާން މުބާރާތް ނުބާއްވާ ގޮތަށް ޕީއެސްއެމް އިން ހަމަޖައްސައިފި އެވެ.

ޕީއެސްއެމްގެ ޑިރެކްޓަރު، އިސްލާމިކް ޕްރޮޑަކްޝަން އިބްރާހިމް އިގްބާލް ވިދާޅުވީ "އެންމެ އަލި ގަދަ ތަރި" އަށް ބޭނުންވާ ވަރަށް ބައިވެރިން ނުލިބުމުގެ ސަބަބުން މި އަހަރުގެ ރޯދަ މަހު އެ މުބާރާތް ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށާއި ނަމަވެސް މި އަހަރުގެ ތެރޭގައި އެ މުބާރާތް ބޭއްވުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޕީއެސްއެމުން ބުނީ މި އަހަރުގެ އެންމެ އަލި ގަދަ ތަރިއަށް ވެސް ޕީއެސްއެމް އޮތީ ތައްޔާރުވެފައި ކަމަށާއި އެކަމަކު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ތަރުހީބު ކުޑަވީ ކަމަށެވެ. އަދި ބުނީ ބައިވެރިވާން އޮންލައިންކޮށާއި އެސްއެމްއެސް މެދުވެރިކޮށް ހުޅުވާލުމުން ކުރިމަތިލީ 24 މީހަކު ކަމަށާއި އޭގެ ތެރެއިން 15 ބައިވެރިޔަކު ވީޑިއޯ ހުށަހެޅި ކަމަށެވެ.

އޮޑިޝަންތަކަށް ފަހު 12 ބައިވެރިންނާއެކު ކުރިޔަށްދާ މުބާާރާތަށް ހުށަހެޅި ވީޑިއޯތަކުން މުބާރާތުގައި ބައިވެރި ކުރުވާ ފެންވަރު ހުރި ލިބުނީ ހަތަރު ވީޑިއޯ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.

މި މުބާރާތުގައި "އެންމެ އަލި ގަދަ ތަރި" އަކަށް ހޮވޭ މީހަކަށް ތިން ލައްކަ ރުފިޔާ ދެއެވެ.