ބޭރު ކުޅިވަރު

މޮޅުވާނީ ވޭލްސް: ފާގަސަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ޕޯޗުގަލް އަތުން ވޭލްސް މޮޅުވާނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށް ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގައި 27 އަހަރު ހޭދަކުރި އެކުލަބުގެ އެންމެ ކާމިޔާބު ކޯޗު ބުނީ ދެ ޓީމަށް ބަލާއިރު ވޭލްސްގެ ފަރާތުން މޮޅުވުމުގެ ރޫހު މާބޮޑަށް ފެންނަ ކަމަށެވެ.

ފާގަސަން ބުނީ ޔޫރޯގައި އަކީ ވަރަށް ޝައުގުވެރިކުރުވަނިވި ޓީމެއް ކަމަށާއި އެމީހުން ކުޅެމުން އަންނަ ފިލްމު އަދި ނުނިމޭ ކަމަށެވެ.

"މިހާރު އެމީހުން މިއޮތީ ސެމީ ފައިނަލުގައި. މި ފިލްމު އަދި ނުނިމޭ. ބެލްޖިއަމާ ދެކޮޅަށް އެމީހުން ކުޅުނު މެޗުގެ ފުރަތަމަ ގޯލަށް ފަހު ފެނިގެންދިޔައީ (ބެލްޖިއަމް) އަށް ޗެލެންޖެއް އޮތްކަން. އެ ގޯލަށް ފަހު އެމީހުން ވަނީ ބެލްޖިއަމް ގޭމުން ބޭރުކޮށްލާފައި. އެމީހުންނަށް ބޯޅަ ލިބުނީމަ ކުޅުންތެރިންގެ ފަރާތުން ފެންނަ އިތުބާރުން ދައްކައިދެނީ އެމީހުން ބޯޅަ ކުޅެން ބޭނުންވާ މިންވަރު. އެމީހުން ފައިނަލްގައި ނުކުޅެންވީ އެއްވެސް ސަބަބެއް އަހަންނަށް ނުވިސްނޭ،" ފާގަަސަން ބުންޏެވެ.

އޭނާ އަދި ބުނީ ޕޯޗުގަލް އަށްވުރެ ބޮޑަށް މޮޅުވާން ބޭނުންވެގެން ކުޅޭތަން ފެންނަނީ ވޭލްސް ކަމަށާއި ކޯޗު އަދާކުރަމުންދަނީ އޭނާ ވެސް އެމަގާމުގައި ހުރި ނަަމަ ކުރާނެ ފަދަ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.

ފާގަސަން މިގޮތަށް ވާހަކަ ދެއްކިއިރު ކޯލްމަން ވަނީ އޭނާ އަށް ކޯޗުކަމުގައި ކުރިއަށްދާން އެންމެ ބޮޑަށް ހިތްވަރު ލިބުނީ ފާގަސަންގެ ފަރާތުން ކަމަށް ބުނެފަ އެވެ.

މިރޭގެ މެޗަށް ވޭލްސް ނުކުންނަނީ ޑިފެންޑަރު ބެން ޑޭވިސް އާއި މިޑްފީލްޑަރު އާރޮން ރަމްސޭ ނުލަ އެވެ. މި ދެ ކުޅުންތެރިންނަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެފަ އެވެ.