އިސްލާމިކް ސްޓޭޓް

ބަންގާޅަށް ހަމަލާ ދިނުމުގެ ކުރިން އިންޒާރުދީފައިވޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންގްލަދޭޝްގެ ކެފޭއަކަށް އައިއެސް ޖަމާއަތުން ހަމަލާ ދިނީ ކުރިން އިންޒާރުގެ މެސެޖްތައް ދީފައި ކަމަށް ބޮޑު ވަޒީރު ޝެއިހް ހަސީނާގެ ޕޮލިޓިކަލް އެޑްވައިޒަރު އެޗްޓީ އިމާމް ވިދާޅުވެއްޖެ އެވެ.

އިމާމް ވިދާޅުވީ ހުކުރު ދުވަހުގެ ދުވާލުގެ ވަގުތު ޓްވިޓާ މެދުވެރިކޮށް އިންޒާރުގެ އެތައް މެސެޖެއް ލިބުނު ކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ. މިކަމާ ބެހޭގޮތުން ބަންގާޅު ފުލުހުން ބުނީއެއްވެސް ވަރަކަށް ރެސްޓޯރެންޓަކަށް ހަމަލާދީފާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި ފުލުހުން ތައްޔާރުވީ ވެސް އެގޮތަށް ނޫން ކަމަށެވެ.

"ފުލުހުން އުންމީދެއް ނުކުރޭ ރެސްޓޯރެންޓަކަށް ހަމަލާދޭނެ ކަމަކަށް. މިއީ އިންޓެލިޖެންސް ފެއިލްވެގެން ދިމާވި ކަމެއްތޯ ވެސް ބަލަމުން މިދަނީ،" ފުލުހުން އޮފިޝަލަކު ވިދާޅުވި އެވެ.

ބަންގާޅު ފުލުހުން މިހާރުވަނީ ބަންގާޅު ކެފޭއަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ކެފޭގެ ޕިއްޒާ ޝެފް ސައިފުލް އިސްލާމް ޗޯކިދާރުގެ ނަން ވެސް ހިމެނެ އެވެ. ފުލުހުން ވަނީ ހަމަލާދިން ވަގުތު އެމީހާ މަރާލާފަ އެވެ. އެ ލިސްޓުގައި ޗޯކިދާރުގެ ނަން ހިމަނާފައިވާތީ އޭނާގެ އާއިލާއިން ވަނީ އެކަމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި އޭނާގެ ހަށިގަނޑު އާއިލާ އާ ހަވާލުކުރަން ވެސް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

ބަންގާޅު ކެފޭއަށް އައިއެސް އިން ދިން މި ހަމަލާގައި 22 މީހުން މަރާލާފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ. އިޓަލީ އަދި ޖަޕާނަށް ނިސްބަތްވާ މީހުންގެ ހަށިތައްމިހާރުވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފަ އެވެ

ހަމަލާދިން ކަމަށް ތުހުމަތުކޮށް ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ އަނެއް ފަސް މީހުންނަކީ ނިބްރަސް އިސްލާމް، ރޯހަން އިމތިއާޒް، މީރް ސާމިހް މުބާޝިރު، ޚައިރުލް އިސްލާމް އަދި ޝަފީޤުލް އިސްލާމް އެވެ.