ބަންގްލަދޭޝް

ބަންގްލަދޭޝްގައި ދިން ހަމަލާތަކެއްގައި ހަ މީހުން މަރާލައިފި

Mar 26, 2017

ބަންގްލަދޭޝްގެ އުތުރުގައިވާ ސިލްހެޓް ނަމަކަށް ކިޔާ ސަރަހައްދުގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި ހަމީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ބަންގްލަދޭޝް ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނީ ބޮމުގެ ދެހަމަލާ ދިނީ ހަނގުރާމަވެރިންގެ ބަޔަކު ފިލާ ތިބި ތަނަކަށް އެ ގައުމުގެ ކޮމާންޑޯއިން ވަންނަން މަސައްކަތް ކުރި ވަގުތުގައި ކަމަށެވެ. ފުރަތަމަ ބޮން ގޮއްވާލީ ހަނގުރާމަވެރިން ފިލާތިބި ތަނާ ކައިރި ހިސާބެއްގައި ކަމަށާއި ދެވަނަ ބޮން ގޮއްވާލީ ހަނގުރާމަވެރިން ތިބި އިމާރާތުގެ ބޭރުގައި ކަަމަށް ބަންގްލަދޭޝް ފުލުހުން ބުނެފައި ވެއެވެ.

ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެ އެވެ. ޒަހަމްވީ 40 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެސް ސިފައިންނާއި ފުލުހުންނެވެ. ހަމަލާގައި ޒަހަމްވީ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ނާޒުކު ކަމަށް ބަންގްލަދޭޝް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

ބަންގްލަދޭޝްގައި މިދިޔަ ހުކުރު ދުވަހު ވެސް ބޮމުގެ ހަމަލާއެއް ދީފައި ވެއެވެ. އެ ގައުމުގެ ވެރިރަށް ޑާކާގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ކައިރީގައި މީހަކު އަމިއްލައަށް މަރުވެގެން ދިން އެ ހަމަލާގައި، ހަމަލާ ދިން މީހާ ފިޔަވައި އިތުރު މީހަކު މަރެއް ނުވެއެވެ. އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލާފަ އެވެ.

ދެކުނު އޭޝިއާގެ ބޮޑު ދެގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާއަތް ތަކުން އެ ދެ ގައުމުގެ ސަރުކާރާ ހަނގުރާމަ ކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް ބަންގްލަދޭޝްގައި ހަނގުރާމަވެރިންގެ ނުރައްކާ ކުރިން އޮތީ ކުޑަކޮށެވެ. އެ ގައުމުގައި ހަނގުރާވެރިންގެ ހަމަލާތައް ގިނަވާން ފެށީ އިރާގާއި ސޫރިޔާގެ ބޮޑު ބަޔަކަށް ވެރިވެގަނެގެން އުޅޭ އައިއެސް ޖަމާއަތަށް ބަޔަކު ތާއީދު ކުރަން ފެށި ހިސާބުންނެވެ. އައިއެސްއަށް ތާއީދު ކުރާ ހަނގުރާމަވެރިން ބަންގްލަދޭޝްގައި މިދިޔަ އަހަރު ވެސް ހަމަލާތަކެއް ދިނެވެ.