ބަންގްލަދޭޝްގެ މެދުތެރޭ އަވަށެއްގައި ފަހާ ތަނެއް ހިންގާ ހިންދޫ ދީނުގެ މީހަކަށް ހަމަލާދީ މަރާލައިފި އެވެ. އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި، އެމީހާއަށް ހަމަލާދީފައިވަނީ ދެ މީހަކުވެގެންނެވެ.
މަރާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ އެ ހަމަލާއަކީ ދީނީ އެއްވެސް ޖަމާއަތާ ގުޅިފައިވާ ހަމަލާއެއްތޯ ބަލަމުންދާ ކަމަށެވެ. ފުލުހުން މިހެން ބުނެފައިވާއިރު، މެދުއިރުމަތީގައި ހަމަނުޖެހުންތައް ހިންގަމުން އަންނަ އައިއެސް ޖަމާއަތުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. އެކަން އެ ޖަމާއަތުން އަންގާފައިވަނީ އޮންލައިނުކޮށް ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގެ ތެދުކަން ޔަގީންކުރަން ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.
"ހަމަލާދިން މީހުން އައީ ސައިކަލެއްގައި، މަރާލީ ހިންދޫ މީހާ އިނީ މަގެއްގެ އެއް ފަރާތުގައި އިށީނދެގެން، އެމީހާގެ ކަރަށާއި އަތަށް ވަނީ ހަމަލާދީފަ،" ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މަރާލި މީހާއާ ގުޅޭ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެމީހާ ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރާ ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން އޭނާ ތިން ހަފުތާއަށް ޖަލަށް ވެސް ލާފައިވެ އެވެ.
އައިއެސްގެ ނުރައްކާ ބޮޑުވީތަ؟
މިއީ ބަންގްލަދޭޝްގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މިފަހަކަށް އައިސް އެ ގައުމުގައި މިފަދަ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. މުސްލިމުން މެޖޯރިޓީ އޮންނަ ބަންގްލަދޭޝްގައި އެހެން ދީންތަކުގެ މީހުންނަށް އެކި ކަހަލަ ބިރު ދެއްކުންތަކާއި ހަމަލާތައް ދަނީ ދެމުންނެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް ތިން މީހުން ބަންގަލަދޭޝްގައި މަރާލައިފައިވެ އެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގުމަށް ވަކާލާތުކުރާ ކަމަށް ބުނެ ދެ މީހަކު މަރާލާފައިވާއިރު ހަމަ މިދިޔަ ހަފުތާ ޔުނިވާސިޓީއެއްގެ ޕްރޮފެސަރެއް ވެސް މަރާލާފައިވެ އެވެ. މި ހުރިހާ ހަމަލާތަކެއް ވެސް ދީފައި ހުންނަނީ ވަރަށް އެއްކަހަލަ ގޮތަކަށެވެ. އަދި ހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލާފައިވެސްވެ އެވެ.
މިފަދަ ހަމަލާތައް ގިނަވެ، އައިއެސްއިން އެ ހަމަލާތަކުގެ ޒިންމާ ނަގާފައިވީ ނަމަވެސް ބަންގްލަދޭޝްގެ ސަރުކާރުން ބުނެފައިވަނީ އައިއެސް އަދި އަލްގައިދާ ޖަމާއަތް އެ ގައުމުގައި ނެތް ކަމަށެވެ. އެފަދަ ނުރައްކަލެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގައި މިފަދަ ހަމަލާތައް ގިނަވެގެން އައިއެސްއާ ގުޅުން އޮންނަ މީހުން އިތުރުވެގެން ދިޔުމަކީ މުޅި ދެކުނު އޭޝިއާ ވެސް އޭގެ ބިރުވެރިކަން އޮތް ކަމެކެވެ.