މިނިވަން ދުވަސް

މާލޭގެ ބައެއް މަގުތައް ތްރީޑީ ކުރެހުމުން ފަވާލަނީ

މިއަހަރުގެ މިނިވަން ދުވަހަށް މާލޭގެ މަގުތަކާއި މާލޭގެ ބައެއް ސަރަހައްދުތަކުގައި ތްރީޑީ ކުރެހުންތައް ކުރެހުމަށް ހާއްސަ ފެސްޓިވަލެއް މިއަދު ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. މިއަހަރު ރާއްޖޭގައި ފާހަގަކުރާނީ މިނިވަން ކަމުގެ 51 އަހަރެވެ. ރާއްޖެ މިނިވަން ވީތާ 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އަހަރު ވަނީ ވަރަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވާފަ އެވެ.

ޑެޕިއުޓީ ހޯމް މިނިސްޓަރު މުހައްމަދު ސަލީމް(މާޒް) ވިދާޅުވީ މިނިވަން ދުވަހާ ދިމާކޮށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ބާއްވާ އެ ދުވަސް ކުލަ ގަދަ ކުރާނެ ކަމަށެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ރޭ ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި ފުޅަނދުބުރުތައް މިނިވަންދުވަހުގައި ބާއްވާނެ ކަމަށެވެ. އަދި ތަފާތު ކަމެއްގެ ގޮތުގައި މިނިވަން ދުވަހަކަށް މާލެތެރެ ޒީނަތްތެރިކުރުމަށް މަގުތަކާއި ބައެއް ސަރަހައްދުތަކުގައި ތްރީޑީ ކުރެހުންތަކެއް ކުރަހާނެ ކަމަށާއި އެ މަސައްކަތް ގިނަ އަދަދެއްގެ ފަންނާނުންނާއެކު މިއަދު ފަށައިގަންނާނެ ކަމަށެވެ.

މާލޭގެ ފަސް ސަރަހައްދެއްގެ އިތުރަށް ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ތްރީޑީ ކުރެހުންތައް ކުރަހަން ހޯމް މިނިސްޓްރީން ނިންމާފައިވާއިރު، އެޗްޑީސީން ވެސް ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ މައި މަގުގައި އެފަދަ ކުރެހުންތަކެއް ކުރަހައި އިއްޔެ ވަނީ އާންމުންނަށް ދައްކާލާފަ އެވެ.

"ދިހަ ދުވަސް ވަންދެން ސްޓްރީޓް އާޓް ފެސްޓިވަލް ކުރިއަށް ގެންދިއުމަށްފަހު، އެ ކުރެހުންތައް ހިމަނައިގެން އާޓް ގެލެރީގައި ޖުލައި 17 ވަނަ ދުވަހު މައުރަޒެއް ބާއްވާނެ. އަދި ޖުލައި 25 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ހަރަކާތް އޮންނާނެ، އެ ހަރަކާތް ކުރިއަށް ގެންދާނީ މިއުޒިކް ވެސް ހިމަނައިގެން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ އޮފީސްތައް ވެސް ގުޅިގެން ބާޢްވާ ފުޅަނދުބުރު މިއަހަރު ވެސް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުޅަނދުބުރުގައި 26 ފަރާތަކުން ތަމްސީލުކުރާނެ ކަމަށެވެ. އަދި ސިފައިންގެ ހެވިކަމުގެ ކުޅިވަރުތައްވެސް މިއަރު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން މީގެ ގިނަ އަހަރުތަކެއް ކުރިން މާލޭގައި ފޯރިގަދަކޮށް ކުރިއަށްގެންދިއުމަށްފަހު ހުއްޓާލާފައި އޮތް ދިވެހި ފަންނާނުންގެ މިއުޒިކީ ޝޯ ވެސް މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފަށަން ނިންމާފައެވެ. ފަންނާނުންގެ މިއުޒިކީ ޝޯގެ ފުރަތަމަ ހަރަކާތް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ހަވީރު މާލޭގެ ޓްރެކް ދަނޑުގަ އެވެ.