ލައިފްސްޓައިލް

އަނގަތާފައި ބަލި: ނުރައްކާ ނޫނަސް ސަމާލުވައްޗޭ!

ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒް (އަނގަތާފައި ބަލި) އަކީ ވަރަށް ގިނަ ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. ގިނައިން މި ބަލި ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެ އެވެ. އެކަމަކު ފުރުސަތު ވަރަށް ކުޑަ އެވެ. ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހުމުން އަތުގަޔާއި ފައިގައި އަދި އަނގައިގަ ފޮޅުތަކެއް ފާޑަށް ހުންނަ ބިހިތަކެއް ނަގަ އެވެ. ބައެއް ފަހަރު ހަށިގަނޑުގެ އެހެން ނާޒުކު ހިސާބުތަކުގައި ވެސް މި ބިހިތައް ނަގަ އެވެ.

މި ބަލި އާންމުކޮށް ހޫނު މޫސުމުގައި ފެތުރު ނަމަވެސް ކޮންމެ ދުވަސްވަރެއްގައި ވެސް މި ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. މި ބައްޔަކީ "އެންޓިރޯ ވައިރަސް" ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ގައިން ގަޔަށް އަރާ މި ބަލި ކުޅުން ވެސް ފެތުރެ އެވެ. މި ބައްޔަކީ ޖަނަވާރުންގެ ތެރޭގައިވެސް ވަރަށް އާންމު ބައްޔެއް ކަމަށްވެ އެވެ.

ކެއްސާއިރުގަ އާއި ކިނބިހި އަޅާއިރު މި ވައިރަސްތައް ފެތުރިގަނެ އެވެ. މި ބަލި ޖެހުމުގެ ކުރިން އާންމުކޮށް ތިން ދުވަހާއި ހަ ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށާނެ އެވެ. މިއީ އިންކިއުބޭޝަން ޕީރިއަޑް އެވެ.

ހޭންޑު ފުޓް އެންޑް މައުތު ޑިޒީޒް އަށް ހޫފް އެންޑް މައުތު ޑިޒީޒް އޭވެސް ކިޔަ އެވެ. މި ބަލި އެއް ފަހަރަށްވުރެ ގިނައިން ޖެހުނަސް ފުރާނައަށް ގެއްލުން ނުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

އަލާމާތްތައް

މި ބައްޔަކީ ބައެއް ފަހަރު އަލާމާތްތައް ފާހަގަ ނުވާ ބައްޔެކެވެ. ބައެއް ކުދިންނަށް މި ބަލި ޖެހުމުގެ ކުރިން މައިން ބަފައިންނަށް އަލާމާތްތައް ފާހަގަ ނުވެވެސް ހުރެދާނެ އެވެ.

އެކަމަކު ގިނަ ފަހަރަށް އެންމެ ފުރަތަމަ، ދަރިފުޅު އަބަދު ވަރުބަލިވާތީ އުޅެފާނެ އެވެ. އަދި ކަރު ތެރޭގައި ފޮޅު ނަގަން ފަށާފާނެ އެވެ. މިފޮޅުތައް ނެގުމުން ކުއްޖާ ކެއުމާ ދުރުވާނެ އެވެ. ނުވަތަ 38 ޑީގްރީ ސެލްސިއަސް އަށް ނޫނީ 39 ޑިގްރީ ސެލްސިއަސް ހުންނަ ވަރަށް ދަރިފުޅު ހުން އައިސްފާނެ އެވެ. ދެން ދެ ދުވަހެއްވަރު ފަހުން އަނގަޔާއި އަތުގައި އަދި ފައިގައި ބިހިތައް ނަގަން ފަށާނެ އެވެ. ބިހިތައް ނެގުމުގެ ކުރިން ހަންގަނޑު ކުރަކިވުމައިވެސް ބައެއް ފަހަރު ކުރިމަތިލަންޖެހިދާނެ އެވެ. މި ބިހިތައް އާންމުކޮށް ހަފްތާއެއްހާ ދުވަސްތެރޭ ރަނގަޅުވާނެ އެވެ.

މި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކަން އިރުޝާދު ދެ އެވެ. މި ބަލި ހުރިކަން ޔަގީންކުރަން އެއްވެސް ޓެސްޓެއް ހަދާކަށް ނުޖެހެ އެވެ. މި ނައްޔަކީ ގޭގައިވެސް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. އެގޮތުން ދަރިފުޅަށް ވީހާވެސް ގިނައިން ފިނި އެއްޗެހި ދޭށެވެ. ހުތް އަދި ކިރިޔާވެސް ކުޅި ރަހަ ހުންނަ އެއްޗެއްސާ ދަރިފުޅު ދުރު ކުރަންވާނެ އެވެ. އެއެއްޗެއްސަކީ އަނގައިގައި އަދި ކަރުގައި ނަގާފައި ހުރި ބިހިތަކުން ދިލަ ނަގަންފަށާ ކަމަކަށްވެ އެވެ. އަދި އަނގަތެރެ އާ ކަރުތެރެ އިތުރަށް ފާރުވެދާނެ ކަމެކެވެ.

ހެންޑް ފުޓް މައުތު ޑިޒީޒް އާންމުކޮށް ގައިން ގަޔަށް ފެތުރެނީ އާންމުކޮށް ބަލި ޖެހޭތާ ފުރަތަމަ ހަފްތާގެތެރޭގަ އެވެ. އެހެންކަމުން އެ ދުވަސްވަރު ސްކޫލް ފަދަ ގިނަ ކުދިން އެއްވާ ތަންތަނަށް ކުދިން ނުގެންދިއުން އެދެވިގެންވެ އެވެ. އަދި އެކދިން ގެންގުޅޭ ކުޅޭ އެއްޗެހި ފަދަ ތަކެތި އެހެން ކުދިންނާ ހިއްސާ ކުރިޔަ ނުދޭން ވާނެ އެވެ. އަދި ކުއްޖާ ގެންގުޅޭ އެންމެންވެސް އަވަސް އަވަހަސަ އަތްދޮވެ ވީހާވެސް ބޮޑަށް ސާފުތާހިރު ކަމަށް ސަމާލުކަންދޭން ވާނެއެވެ.