ބޭރު ކުޅިވަރު

ފްރާންސް ކުޅުންތެރިން ތިބީ އާ ސޮފުހާއެއް ހުޅުވާލަން ތައްޔާރަށް: ކޯޗު

ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ގޮސް ފުޓްބޯޅައިގެ އާ ސޮފުހާއެއް ހުޅުވަން ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.

އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދިން ކެޕްޓަން ބުނީ ފުޓްބޯޅައިގެ ނަތީޖާ ބަދަލުކުރަން އެންމެ މުހިންމީ ކުޅުންތެރިންގެ ވިސްނުން ކަަމަށެވެ.

"އަހަރެންވާނީ ކުޅުންތެރިންނަށް އެކަން ވިސްނައިދީފައި. އެމީހުންގެ ކުރިމަތީގައި މިވަގުތު އޮތީ ހުސް ގަނޑެއް. ރަންއަކުރުން އެގަނޑު ފުރާލުމަކީ އެމީހުންގެ ކަމެއް. މިކަން ކުރެވޭނެ ކަމަށް އަހަރެން ގަބޫލުކުރާ ސަބަބަކީ ކުޅުންތެރިން މިއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރާވަރުން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މުބާރާތުގައި މިހާތަނަށް ފްރާންސް ދެެއްކި ކުޅުމަށް ބަލާއިރު ޖަރުމަނުގެ މައްޗަށް ގަދަވެގެންނާނެހާ ފްރާންސްގެ އެޓޭކް ވަރުގަދަ ކަަމަށެވެ.

"އަހަރުމެންގެ ކޮލިޓީ އެބަހުރި. ތަފާތު ސްޓައިލްގެ ކުޅުންތެރިންގެ ހުނަރާއެކު އަހަރުމެންނަށް އިދިކޮޅު ޓީމަށް ނުރައްކާ ކުރެެވިދާނެ. އެއީ އަހަންނަށް އޮތް ވަރަށް ބޮޑު ޔަގީންކަމެއް،" ޑެޝޯން ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން ކުޅުނު ވާދަވެރި ތިން މެޗުގައި ޖަރުމަނު އަތުން ފްރާންސް ބަލިވި ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗު ކާމިޔާބު ކުރުމަކީ އާސޮފުހާއަކަށް ބާރުލިބިގެންދާނެ އުއްމީދު މޮޅެއް ކަމަށެވެ.