ބޭރު ކުޅިވަރު

ފްރާންސްގެ ނުރައްކަލަކީ ގްރިއެޒްމަން: ޖަރުމަނުގެ ކުރީގެ ކުޅުންތެރިން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ފްރާންސް ނުކުންނައިރު އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކީ އެންޓޯނިއޯ ގްރިއެޒްމަން ކަމަށް ޖަރުމަނުގެ ކުރީގެ ކުޅުންތެރިން ފާހަގަކޮށްފި އެވެ.

ވޯލްޑް ކަޕް 2014 ޖަރުމަނަށް ހޯދައިދިން ކެޕްޓަން ފިލިޕް ލާމް ބުނީ ޔޫރޯގައި މިހާތަނަށް ހަތަރު ގޯލު ޖަހާފައިވާ ގްރިއެޒްމަން އަކީ ސަމާސާ ކުޅުންތެރިއެއްނޫން ކަމަށެވެ.

"އެންމެ ނުރައްކާތެރި މީހަކީ އޭނާ. 2014ގެ ވޯލްްޑް ކަޕުގައި ވެސް އޭނާ ވަރަށް ރަނގަޅަށް ހުނަރު ދައްކާލި. އޭގެ ފަހުން މިވީ ދެ އަހަރުތެރޭގައި ލިބުނު ތަޖުރިބާތަކާއެކު ފުރިހަމަ ކުޅުންތެރިއަކަށް އޭނާ ވެގެން ހިނގައްޖެ. އޭނާގެ ކުރިއެރުމާއެކު މިހާރު އެއީ ޔޫރަޕުގައި އެންމެ މޮޅު އެއް ފޯވަޑް،" ލާމް ބުންޏެވެ.

ގެރިއެޒްމަން އަކީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ކުޅުންތެރިއެކެވެ. ދުނިޔޭގެ ބޮޑެތި ކުލަބުތަކުން އޭނާ ހޯދަން މަސައްކަތް ކުރަމުންދަނީކޮށް އޭނާ ވަނީ ޔޫރޯގެ ކުރިން އެކުލަބާއެކު ކޮންޓްރެކްޓް އާކޮށްފަ އެވެ. ހުސްވި ސީޒަނުގައި އޭނާ ވަނީ 22 ގޯލު ޖަހާފަ އެވެ.
ޖަރުމަނު ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލޮތާ މަތެއަސް ބުނީ ފްރާންސް ޓީމުން އޮލީވިއާ ޖީރޫޑާއި ޑިމިޓްރީ ޕަޔެޓް މިހާތަނަށް ގޯލުތަކެއް ޖަހާދީފައިވީ ނަމަވެސް ގްރިއެޒްމަން އަކީ އެންމެ ބޮޑަށް ފާރަވެރިވާންޖެހޭ ކުޅުންތެރިޔާ ކަމަށެވެ.

"މިވަގުތު އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ. މިދިޔަ ދުވަސްތަކުގައި އޭނާގެ ކުރިއެރުން ހުއްޓުމަކަށް ނާދޭ. އެތްލެޓިކޯގައި ވެސް އޭނާ އަކީ (ކޯޗު ޑިއެގޯ ސިމިއޯނީގެ) އެންމެ މުހިންމު ކުޅުންތެރިޔާ،" އިންޓަމިލާނާއި ބަޔާން މިއުނިކަށް ކުޅުނު މަތެއަސް ބުންޏެވެ.