ދިރާގު

ދިރާގު ރޯޑްރޭސްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ކުޑަކުދިންގެ ޖަމްއިއްޔާތަކަށް

Jul 7, 2016

ދިރާގް ރޯޑް ރެހުގެ ޕާޓްނަރަކަށްވުމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ހުޅުވާލައިފިއެވެ.

ދިރާގް ރޯޑް ރޭހުގެ މި އަހަރުގެ ޝިޔާރު ހާއްސަކޮށްފައިވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެ ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ މައްޗަށެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ދިރާގްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ ޕާޓްނަރަކަށް ވުމަށް ފުރުސަތު ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިލއްޔާތަކުގެ ތެރެއިން ވޭތުވެދިޔަ އެއް އަހަރު އެދެވޭ މަސައްކަތެއްކޮށް، ކުރިއަށް އޮތް އެއް އަހަރު ތެރޭވެސް ކުޑަކުދިންގެ ހައްގުގައި ކުރާ މަސައްކަތުގައި ޕްލޭންތަކެއް އެކަށައަޅާފައިވާ ޖަމްއިއްޔާތަކަށް ކަމަށެވެ.

އަދި އެކަމަށް ކުރިމަތިލާ ޖަމްއިއްޔާތަކުގެ ތެރެއިން، ރޯޑް ރޭހުގެ ބައިވެރިންގެ ވޯޓުން ހޮވާ ފަސް ޖަމްއިއްޔާގެ ތެރެއިން ކޮންމެ ޖަމްއިއްޔާއަކަށް 20000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، ރޯޑްރޭހުގައި ދުވާ ބައިވެރިންގެ ޓީޝާޓް ވިއްކައިގެންވެސް ފައިސާ ހޯދުމުގެ ފުރުސަތު އެ ޖަމްއިއްޔަތަކަށް ހުޅުވާލެވިފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.

ރޯޑް ރޭހުގެ ޕާޓްނަރަކަށް ވުމަށް ބޭނުންވާ ޖަމްއިއްޔާތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ ރޭސް ބާއްވާނެ ތާރީހެއް މިމަހު ފަހުކޮޅު އިއުލާން ކުރާނެ ކަމަށް ދިރާގުން ބުނެއެވެ. މިއީ ދިރާގް ރޯޑް ރޭސް ބާއްވާ 10 ވަނަ އަހަރެވެ.