އަބްދުﷲ ނާޒިމް އިބްރާހިމް

"ދައުރު ނިމޭއިރު ސިއްހީ ދާއިރާ މުޅިން ބަދަލުކޮށްލާނެ"

Jul 7, 2016
13

މި ދައުރު ނިމޭއިރު ރާއްޖޭގެ ސިއްހީ ދާއިރާގެ މޫނު މަތި މުޅީން ބަދަލުކޮށްލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އާ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އާ ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ މިހާރު ސިއްހީ ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތައް ނިމޭއިރު، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް އެތައް ގުނައެއް ރަނގަޅުވެ އެ ދާއިރާގައި މިހާތަނަށް އޮތް ތަސައްވުރެ މުޅީން ބަދަލުވެގެން ދާނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވޭ ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތް މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅު ވާން. މި ރީޖަންގެ ގައުމުތަކުން ލިބެން ހުންނަ ސިއްހީ ހިދުމަތްތަކާ އެއް ހަމައެއް ނޫނީ އެއަށްވުރެ ރަނގަޅު ހިދުމަތެއް ދޭ ގައުމަކަށް ވާން. އެނގިވަޑައިގަންނަވާނެ މިހާރު އައިޖީއެމްއެޗަށް އަންނަމުންދާ ހެޔޮ ބަދަލުތައް ވެސް،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އައިޖީއެމްއެޗްގައި ކުރަމުންދާ މަސައްކަތްތައް ނިމޭއިރު، ފެންނާނީ މުޅިން ބަދަލުވެފައިވާ މުޅިން އާ ހޮސްޕިޓަލެއް ކަމަށެވެ.

"މީގެ މާނައަކީ މުޅި އިމާރާތް ބަދަލުވެ، ހިދުމަތްތައް ރަނގަޅުވުން. މީގެ އިތުރުން އައިޖީއެމްއެޗްގައި ގާއިމްކުރާ 25 ބުރީގެ އިމާރާތް ވެގެންދާނީ ލޭންޑް މާކަމަށް. އެތަންވާނީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރަކަށް. އެތަނުން ސުޕަ ސުޕަ- ޝަލިސްޓުންގެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގައި އަމިއްލަ ކުންފުންޏަކުން އިންވެސްޓްކޮށްގެން ހަދާ "ޓްރީޓޮޕް" ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އާސަންދައިގެން ހިންގަން ފެށުމުގެ ސަބަބުން ވެސް ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ހެލްތް ކަވަރޭޖް ސިސްޓަމް މިހާރު ވެސް ވަރުގަދަ. މިއާއެކު އައިޖީއެމްއެޗް ބަދަލު ވެގެންދާއިރު، މިހާރަށްވުރެ ބޮޑު ބަދަލެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަނީ ހަމައެކަނި މާލޭގައެއް ނޫނެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްދެ އެވެ.

"ކުޅުދުއްފުށީގެ ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލްވެސް ޓާޝަރީ ހޮސްޕިޓަލަށް ހެދުމަށް ހަމަޖެހިފައިވޭ. އެ މަސައްކަތް ވަރަށް އަވަހަށް ފެނިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅު ކުރުމުގެ ގޮތުން ދާއިފަހުން ރާއްޖޭގައި ހިތުގެ ބަލިތަކަށް ހާއްސަ ކްލިނިކެއްގެ މަސައްކަތް ވެސް ފަށާފަ އެވެ.