ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާއި ފްރާންސް ކުރިމަތިލާ މެޗަކީ ދެ ގައުމުން ވެސް އެއް ޓީމަކަށް ނިސްވާ ކުޅުންތެރިން ފެނިގެންދާނެ ޝައުގުވެރި ކުރިމަތިލުމެެކެވެ. މެޗާ ބެހޭ ގޮތުން އެންމެ ޖޯޝުން ފުރިގެންވާ ވާހަކަތަކެއް ދައްކަމުން ދަނީ އާސެނަލްގެ ކުޅުންތެރިންނެވެ. ފްރާންސްގެ ލޯރަންޓް ކޮޝިއެލްނީ އާއި އޮލީވިއާ ޖީރޫޑް އަދި ޖަރުމަނުގެ މެސުޓް އޮޒިލް އަކީ އިނގިރޭސިވިލާތުގެ އާސެނަލް އަށް ނިސްބަތްވާ ތިން ކުޅުންތެރިންނެވެ.
މީގެ ތެރެއިން އޮޒިލް ބުނަމުންދަނީ ކުއާޓާ ފައިނަލާ ހިސާބުން އެތިން ކުޅުންތެރިންގެ މެދުގައި މި ދެ ގައުމު ވާދަކުރަންޖެހިދާނެތީވެެ ވާހަކަތައް ދެކެވެން ފެށި ކަމަށެވެ.
"އަހަރުމެން އަދިވެސް މިދަނީ ވާހަކަ އެކަކު އެނަކެކަށް މެސެޖް ކުރަމުން. ކުއާޓާ ފައިނަލަށް ފަހު އަހަރެން ކޮޝިއެލްނީ އަށް މެސެޖްކޮށްފައި ބުނިން އަހަރުމެންްނަކީ އައިސްލޭންޑެއްނޫނޭ. ޖަވާބުގައި އޭނާ މެސެޖްކޮށްފައި ބުނީ (ފްރާންސްގެ މާސޭ)ގައި މިރޭ ކުޅޭ މެޗަކީ އަހަރުމެންނާއި ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑު މެޗެކޭ. އަހަރުމެެން އެންމެން ވެސް މިތިބީ މި މެޗަށް ތައްޔާރުވެގެން،" އޮޒިލް ބުންޏެވެ.
އުމުރުން މިހާރު 27 އަހަރުގެ އޮޒިލް އަކީ 2014 ވޯލްޑް ކަޕަށް ފަހު ޖަރުމަނު ކުޅުނު މެޗުތަކުގައި ގަވާއިދުން ކުޅެމުން އަންނަ ހަމައެކަނި ކުޅުންތެރިޔާ އެވެ. މިރޭގެ މެޗަކީ އޭނާ ޖެހިޖެހިގެން ސްޓާޓް ކުރާ 25 ވަނަ މެޗެވެ. އޭނާ ބުނީ ފްރާންސްގައި މެޗު ކުޅުނަސް ޖަރުމަނަށް މޮޅުވެވޭނެ ހުރިހާ ހަތިޔާރެއް އެބަހުރި ކަމަށެވެ.
"ތިޔައީ ތެދެެއް. ފްރާންސަށް އަމިއްލަ ސަޕޯޓަރުންގެ ތާއީދު ވެސް އޮންނާނެ. އެކަމަކު ދެ ޓީމުގެ ތަފާތަށް ބަލާއިރު އަހަރެން ގަބޫލު ކުރަނީ އަހަރުމެންނަށް މެޗުން މޮޅުވެވޭނެ ކަމަށް. އަހަރުމެންނަކީ ދުނިޔޭގެ ޗެމްޕިއަނުން. އަހަރުމެން މިހިސާބަށް މިއައީ ވެސް ފުޓްބޯލައިގެ ވަރުގަދަ ގައުމުތަކެއް ބަލިކޮށްފައި،" އޮޒިލް ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ އޮޒިލް ބޭނުންކުރަމުންދަނީ ފޯވަޑެއްގެ ފަހަތުންނެވެ. މިކަމާބެހޭ ގޮތުން އޭނާ ބުނީ ކުރީ މުބާރާތްތަކުގައި އޭނާ ބޭނުންވާ މަގާމަށް ކުޅެން ފުރުސަތު ނުލިބޭ ކަމަށެވެ.
"މިފަހަރު ކޯޗު މިއޮތީ އަހަރެން ބޭނުންވާ ހުރިހާ ފްރީޑަމްއެއް ދީފައި. އަހަރެން ބޭނުން ކޮންމެ ގޮތަކަށް ކުޅުމުގެ ފުރުސަތު ލިބޭ. އަހަރެން މިކަމާ ވަރަށް އުފާކުރަން،" އޮޒިލް ބުންޏެވެ.
މުބާރާތުގެ ފައިނަލަށް މިހާރު ހޮވިފައިވަނީ ޕޯޗުގަލް އެވެ. ޖަރުމަނު ފައިނަލަށް ގޮސްފިނަމަ އޮޒިލް އަށް އޭނާގެ ކުރީގެ ޓީމުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ. އެއީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ އާއި ޕެޕޭ އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ ވަނީ އޮޒިލް ވިއްކާލަން ރެއާލްއިން ނިންމުމުން އެކަމާ ވަރަށް ބޮޑަށް ނުރުހުން ކޮށްފަ އެވެ.