އެންޓޯނިއޭ ގްރިއެޒްމަން ޖެހި ދެ ގޯލުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް، ފްރާންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހިނގައްޖެ އެވެ.
މި މަހުގެ 10 ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި މުބާރާތް ބާއްވާ ގައުމު ފްރާންސް ވާދަކުރާނީ ޕޯޗުގަލްއާ އެވެ. އެ ގައުމު ފައިނަލަށް ދަތުރުކުރީ ރޭ ވޭލްސް 2-0އިން ބަލިކޮށްފަ އެވެ.
ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ވަރުގަދަ ޖަރުމަނު ކޮޅަށް އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް ރޭ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެއީ ޖަރުމަނުގެ ކެޕްޓަން ބަސްޓިއަން ސްވައިންސްޓައިގާގެ ޕެނަލްޓި އޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމުންނެވެ. ދެ ވަނަ ލަނޑު ޖަހީ ފަހު ހާފުގަ އެވެ. މި ދެ ގޯލާއެކު މުބާރާތުގައި ގްރިއެޒްމަން ޖެހި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. މިއާއެކު އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ މުބާރާތުގެ ރަންބޫޓު ލިބުން އެންމެ ގާތް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެއީ އެންމެ ގާތުން ވާދަކުރާ ކުޅުންތެރިން ވެސް ޖަހާފައިވަނީ ތިން ލަނޑު ކަމަށްވާތީ އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ގްރިއެޒްމަން އަށް ލިބުން ގާތެވެ.
މިއީ 2000 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ފްރާންސް މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. 2000 ވަނަ އަހަރު އެ ގައުމު ތަށި ހޯދީ ފައިނަލުގައި އިތުރު ވަގުތު ކުޅެ ޑޭވިޑް ޓްރެޒެގޭ ޖެހި ގޯލުންނެވެ. އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ފްރާންސް ވަނީ މިހާތަނަށް ޔޫރޯ ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2000 ވަނަ އަހަރާއި 1984 ވަނަ އަހަރުގަ އެވެ.
ޖަރުމަނު ޔޫރޯ ތަށި އެންމެ ފަހުން ހޯދީ 1996ގަ އެވެ. ރޭގެ ފައިނަލް މެޗަށް ޖަރުމަނު ނުކުތީ އަނިޔާގެ ސަބަބުން އެންމެ މުހިންމު ފޯވަޑް މާރިއޯ ގޯމޭޒް ނުލަ އެވެ. އަދި މުހިންމު ޑިފެންޑަރެއް ކަމަށްވާ މެސުޓް ހުމެސް ދެ ރީނޑު ކާޑު ހަމަވެެގެން ސަސްޕެންޑްކުރި އިރު މެޗުގެ ފަހު ހާފުގައި އެންމެ އިތުބާރު ޑިފެންޑަރު ޖެރޯމް ބޯޓެން ވެސް ދަނޑުން ބޭލީ ލިބުނު އަނިޔާއަކާހެދި އެވެ.
ފްރާންސް ދެ ލަނޑު ޖެހި ފަހުން ޖަރުމަނުގެ މުޅި ޓީމު ކުރިއަރައި ފުލުފުކުގައި ހަމަލާ އުފެއްދި ނަމަވެސް ފްރާންސްގެ ފަހަތާއި ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ފެނުނީ އެއަށްވުރެ މާހުށިޔާރުކޮށެވެ. މިއީ ޖަރުމަނު ޖެހިޖެހިގެން މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ހަތަރު ވަނަ ފަހަރެވެ. 2006 އާއި 2010 އަދި 2012 އާއި މި އަހަރު ވެސް ފައިނަލަށް ނުގޮސް ޖަރުމަނު ކަޓާފައިވަނީ ވަރުގަދަ ޓީމެއް އޮވެ އެވެ. މީގެ ތެރެއިން ފަހު ތިން ފަހަރު ކޯޗަކީ މިހާރުގެ ކޯޗު ޖޯހިމް ލޯ އެވެ.
24 ޓީމު ވާދަ ކުރި ޔޫރޯގެ ފައިނަލް މެޗު ކުޅޭނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރަސްމީ ދަނޑުގަ އެވެ.