ހަބަރު

"ޕާކިސްތާނުން ރާއްޖެއަށް ޑޮކްޓަރުން ފޮނުވަނީ ބަގާވާތެއް ހިންގަން"

ޕާކިސްތާނުން ރާއްޖެއަށް ފޮނުވަން ނިންމާފައިވާ ޑޮކްޓަރުންނަކީ، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ބޮޑު 200 ޑޮކްޓަރުން ކަމަށާއި އެއީ ރާއްޖޭގައި ބަގާވާތެއް ހިންގަން ފޮނުވާ ބައެއް ކަމަށް އިންޑިއާގެ އިންޓެލިޖެންސްއިން ތުހުމަތުކޮށްފި އެވެ. އެ ޑޮކްޓަރުންގެ ޓީމުން ރާއްޖޭގެ ބަދަލުކޮށްލާނެ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އިންޑިޔާގެ އިންޓެލިޖެންސް އިދާރާ އާއި ހަވާލާދީ "ދަ ޕިޔަނިޔާ" ނޫހުގައި ބުނެފައިވަނީ، އެ 200 ޑޮކްޓަރުންނަކީ ޕާކިސްތާނުގެ އިންޓަ ސާވިސް އިންޓެލިޖެންސް (އައިއެސްއައި)ގެ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ބައެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ޕާކިސްތާންގެ ހަނގުރާމަވެރި ޖަމާއަތްތަކެއް ކަމަށްވާ ލަޝްކަރޭ ތޮއިބާ އާއި ޖައިޝޭ މުހައްމަދު ޖަމާއަތާ އެމީހުންނާ ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އިންޓެލިޖެންސުން ބުނެފައި ވަނީ، ރާއްޖެއަށް އަންނަން ތައްޔާރުވެފައިވާ އެ ޑޮކްޓަރުން މިދިޔަ މަސްތަކުގައި އިންޓަނެޓުން ރާއްޖެއާ ގުޅޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ހޯދާފައި ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނާ ވާހަކަ ދައްކައި، އެމީހުންގެ ބޯތަކަށް ވަދެވޭނެ ގޮތް އެ ޑޮކްޓަރުން ދަސްކޮށްފައިވާ ކަމަށް އިންޓެލިޖެންސުން ވަނީ ބުނެފަ އެވެ. އަދި އެ ޑޮކްޓަރުންގެ ތެެރެއިން 80 ޕަސެންޓް ޑޮކްޓަރުންނަކީ މެޑިކަލް ދާއިރާއިން ކިޔެވުމަށްފަހު އަސްކަރީ ތަމްރީނު ހޯދައި، އަސްކަރީގައި މަސައްކަތްކޮށްފައިވާ ޑޮކްޓަރުން ކަން ވެސް އިންޓެލިޖެންސުން ފާހަގަކޮށްފައިވެ އެވެ.

އިންޑިއާ އިންޓެލިޖެންސުން ބުނެފައިވަނީ ޕާކިސްތާނުން ރާއްޖެއަށް އެހާ ގިނަ ޑޮކްޓަރުން ފޮނުވުމުގެ މަގުސަދަކީ ރާއްޖޭގައި އޮތް އިންޑިއާއާ ގުޅުން ބޮޑު ސަރުކާރު ވައްޓާލައި، އިންޑިއާއާ ދެކޮޅު ސަރުކާރެއް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ. އިންޑިއާ އިންޓެލިޖެންސްގެ އޮފިޝަލެއް ބުނެފައިވަނީ ރާއްޖޭގައި އެ ޑޮކްޓަރުން ގިނަ ދުވަހު ތިބެއްޖެނަމަ ބަގާވާތެއް ކޮށް، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ސަރުކާރެއް ރާއްޖޭގައި ގާއިމުކުރާނެ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުވުމުގެ މަސައްކަތް ވެސް ޕާކިސްތާނުންކުރާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ބައެއް ދަރިވަރުން މިހާރު ވެސް ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ތަފްސީލެއް ހާމައެއްކޮށްފައެއް ނުވެ އެވެ.

އިތުރަށް ބުނެފައިވަނީ މި ޑޮކްޓަރުންނަށް ރާއްޖެއިން ވިސާ ހަމަޖެހިފައިވާ ކަމަށާއި އީދު ބަންދަށްފަހު ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.

އިންޑިއާގެ ނޫހެއްގައި ޕާކިސްތާނުން ރާއްޖެއަށް ފޮނުވާ ޑޮކްޓަރުންނާ މެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ޕާކިސްތާނުން ދާދިފަހުން ރާއްޖެއަށް 100 ޑޮކްޓަރުން ފޮނުވަން ނިންމާފަ އެވެ. އެ ޑޮކްޓަރުންނާ ގުޅޭ ގޮތުން ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ ކޮންޓްރެކްޓް އުސޫލުން ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފޮނުވާ ޑޮކްޓަރުންނަށް ހުރުމާއި އެހެނިހެން ހަރަދުތަކުގެ އިތުރުން 2000 އެމެރިކާ ޑޮލަރުގެ މުސާރައެއް ދޭނެ ކަމަށާއި އެ ހަރަދު ކުރާނީ ޕާކިސްތާނުން ކަމަށެވެ.

އަދި ބުނެފައި ވަނީ ދެ ސަރުކާރުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން 100 ޑޮކްޓަރުން ފޮނުވާނީ އަންނަ އަހަރުގައި ކަމަށެވެ. ރާއްޖެއަށް ފޮނުވާނީ ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ އެމްބީބީއެސް ޑޮކްޓަރުން ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ދެތިން ދުވަސްކުރިން އާންމުވި އިންޑިއާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ވެސް ވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އިންތިހާއަށް އޮތް ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި، އައިއެސްގެ ނުރައްކާ އެންމެ ބޮޑީ، ބަންގްލަދޭޝްއަށް ވުރެ ވެސް ރާއްޖެއިން ކަމަށް އިންޑިއާގެ އިންޓެލިޖަންސް ވަނީ ބުނެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ވާދަވެރި ދެ ގައުމެވެ.