ދެ ގައުމު ހިމެނޭ ސަރަހައްދާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަތިވެދާނެ ބިރުވެރިކަމެއް ނުވަތަ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ދެ ގައުމު އެކުގައި މަސައްކަތް ކުރުމަށް އިންޑިއާ އާއި ދެކުނު އެފްރިކާއިން އެއްބަސްވެއްޖެ އެވެ.
އިންޑިއާއި ދެކުނު އެފްރިކާއިން މިގޮތަށް އެއްބަސްވީ އެފްރިކާގެ ހަތަރު ގައުމަކަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ދެކުނު އެފްރިކާއަށް ވަޑައިގެން، އެގައުމުގެ ރައީސް ޖެކޮބް ޒޫމާއާއެކު ބޭއްވި ރަސްމީ ވާހަކަ ތަކުގައެވެ.
ދެކުނު އެފްރިކާގެ ވެރިކަން ހިންގުމުގެ ބާރުގެ ވެރިރަށް ޕްރިޓޯރިއާގައި ދެ ބޭފުޅުން އެކުގައި މީޑިއާއާ ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ރައީސް ޒުމާ އާއި ދެބޭފުޅުންގެ މަޝްވަރާގައި ސަރަހައްދީ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަތުވެދާނެ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކޮންމެހެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެއްބަސްވެވުނު ކަމަށެވެ.
މޯދީ ވިދާޅޫވީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމް ކަމަށާއި އެއީ ދެ ގައުމުންވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ދެ ގައުމުގެ ދެ މެދުގައި އޮތް އިގްތިސޯދީ ގުޅުމާ ބެހޭގޮތުން މޯދީ ވިދާޅުވީ ދެކުނު އެފްރިކާގައި ބޯޓުދެލީގެ ވިޔަފާރި އާއި ކެމިކަލާއި ބޭސްވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމަށް އިންޑިއާގެ ކުންފުނިތައް ޝައުގުވެރިވާ ކަމަށެވެ.
"އެފްރިކާގެ ބައްރުގައި އިންޑިއާގެ އިންވެސްޓްމެންޓްގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި އޮތީ ދެކުނު އެފްރިކާގައި. މީގެ އިތުރުން އިގްތިސޯދީ ގޮތުން ދެ ގައުމުގެ ދެމެދުގައި އިތުރު އިންވެސްޓްމެންޓްތައް ކުރިއަށް އޮތް ތާންގައި އިތުރު ވެގެންދާނެ،" މޯދީ ވިދާޅުވި އެވެ.
ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ވިދާޅުވީ އިންޑިއާ އާއި ދެކުނު އެފްރިކާ އަކީ އެއްކަހަލަ ކަންތައްތަކެއް ހިއްސާ ކުރާ ދެ ގައުމު ކަމަށާއި އެ ދެ ގައުމުން އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކޮށްފައިވަނީ ވެސް އެއްކަހަލަ ގޮތަކަށް ކަމަށެވެ.
"އިގްތިސޯދީ ގޮތުން އިތުރަށް ދެ ގައުމުގެ އިންވެސްޓް އިތުރު ކުރުމަށް ވިސްނުންތަކެއް އެބަހުރި. ދެކުނު އެފްރިކާއިން އިންޑިއާއަށް ކުރާ އެކްސްޕޯޓްގެ އިތުރު ކުރުމަށް ވަނީ އެއްބަސްވެވިފައި. މީގެ އިތުރުން ދިފާއީ ދާއިރާއިންނާއި ބިމުގެ އަޑިން ނަގާ މައުދަނުގެ ދާއިރާއިން އިންވެސްޓް ކުރުމަށް ވަނީ އެއްބަސްވެފައި." ޒޫމާ ވިދާޅުވިއެވެ.
ޒޫމާ ވިދާޅުވި ދެކުނު އެފްރިކާގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމަށް، އިންޑިއާގެ މާކެޓް ވަރަށް މުހިންމު ކަމަށާއި އިންޑިއާގެ ފަތުރުވެރިން ގިނަ އަދަދަކަށް ދެކުނު އެފްރިކާއަށް ދަތުރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.