ދުނިޔެ

ރޭޕްކުރި މީހާއާ "ރުހުމުގައި" ކައިވެނިކޮށްފި

އިންޑިއާ އަންހެނަކު އޭނާ ރޭޕްކުރި ފިރިހެން މީހާއާ ކައިވެނިކޮށްފި އެވެ.

ބީބީސީން ބުނީ މި ކައިވެނި ކޮށްފައި ވަނީ އެހެން ގޮތެއް ނެތިގެން ކަމަށް އަންހެން މީހާގެ ބައްޕަ ބުނެފައިވާ ކަމަށެވެ. އަދި އަންހެން މީހާ ވަނީ މިއީ އޭނާ ރުހުމުގައި، އާއިލާ އާއި މުސްތަގުބަލަށްޓަކައި ކުރާ ކައިވެންޏެއް ކަމަށް ވެސް ބުނެފައި ކަމަށް ވެސް ބީބީސީގައިވެ އެވެ.

ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ، މިހާރު އޭނާގެ ފިރިއަކަށް ވެފައިވާ މީހާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ. މިގޮތަށް ނިންމި އިރު ފިރިހެން މީހާ ހުރީ ރޭޕްގެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ.

ރޭޕްގެ ޝިކާރައަކަށްވާ އަންހެނަކަށް އިންނާނެ މީހަކު ލިބުމަކީ އިންޑިއާގައި ނާދިރު ކަމެކެވެ. އަދި ރޭޕްގެ އަނިޔާ ލިބެނީ އަންހެނުންނަށް އުޅެވޭ ގޮތުން ކަމަށް ވެސް އިންޑިއާގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"މި ކައިވެނި ނުކޮށްފިއްޔާ އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވެގެން ދާނެ. އެހެންވެ މި ނޫން ގޮތެއް ނެތް،" އަންހެން މީހާގެ ބައްޕަ ބީބީސީ އަށް ބުނެފައިވެ އެވެ.

އަންހެން މީހާ ބުނެފައި ވަނީ މި ކައިވެނި ކުރަނީ އޭނާގެ ރުހުމުގައި މައިންބަފައިންގެ އިޒުނަ ވެސް ހޯދައިގެން ކަމަށެވެ. އަދި ކައިވެނި ވެވޭ، ރޭޕްގެ ތުހުމަތު އޮތް މީހާއާ އެކު އުފަލުގައި ދިރިއުޅެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކައިވެނި ކޮށްފައި ވަނީ ފިރިހެން މީހާ ހައްޔަރުކޮށްފައި ބެހެއްޓި ޖަލުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. –ބީބީސީ