މަސްތުވާތަކެތި

ހެރޮއިންގެ ވިޔަފާރި ކުރާ ދެ ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ބޭނުން ކުރާ ދެ ދިވެއްސަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއާއެކު ސްރީލަންކާ އިން މިއަދު އަތުލައިގަނެ ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑެއިލީ މިރާ" ގައި ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި 350 ގްރާމްގެ ހެރޮއިންނާއެކު ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ގިނަ އަދަދަކަށް ދިވެހިން ގޮސް ވަޒަންވެރިވެގެން އުޅޭ ދެހިވަލައިން ކަމަށާއި އެ ދެ މީހުންނަކީ އިންޓަނޭޝަނަލް ޑްރަގް ސްމަގްލިން ނެޓްވޯކެއް ގައި ހިމެނޭ ދެ މީހުން ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.

ނަމަވެސް އެ ދެ މީހުންނާބެހޭ އިތުރު ތަފްސީލެއް އެ ނޫހުގައި ދީފައެއް ނުވެއެވެ. ދެ ދިވެހިން ހައްޔަރު ކުރި ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރި ނަމަވެސް މިކަމާ ގުޅިގެން ދިވެހި ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ދެ ދިވެހިން މިއަދު ހައްޔަރުކޮށްފައިވާ އިރު މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް ވަނީ ލަންކާ އަށް ތިން ކިލޯގެ ހެރޮއިން އެތެރެ ކުރަން އުޅުން ހަތަރު ދިވެއްސަކު ވެސް ހައްޔަރުކޮށްފަ އެވެ.