ދީން

ސަލަފުގެ ދައުވަތަށް ޕްރޮފެސާ ލުތުފުﷲ ހައުޖާ ވަޑައިގަންނަވަނީ

Jul 9, 2016

ސަލަފު ޖަމިއްޔާގެ ދައުވަތަކަށް މައްކާގެ އުއްމުލް ގުރާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލުތުފުﷲ ހައުޖާ ރާއްޖެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަލަފުން ޖަމިއްޔާއިން ބުނީ ޕްރޮފެސަރު ރާއްޖެވަޑައިގަންނަވާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ދީނީ ބައެއް ހަރަކާތްތައް ހިންގަވާ ދީނީ އިރުޝާދުތަކާއި ދަރުސްތައް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ޕްރޮފެސަރު، ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރެއްވުމާއި ޝަރުއީ އިލްމު އުނގެނޭ ބައެއް ދަރިވަރުންނާ ބައްދަލު ކުރައްވާ ލެކްޗާތައް ވެސް ދެއްވާނެ އެވެ.

"ދަރުސްތައް ބޮޑަށް އަމާޒު ކުރެވިފައިވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް. އަދި ޝަރުއީ ޢިލްމު އުނގެނެމުންދާ ބައެއް ދަރިވަރުންނަށް ލެކްޗާތައް ދިނުމަށްވަނީ ހަމަޖެހިފަ. އަދި ޒަމާނީ މައްސަލަތަކާއި ގުޅޭގޮތުން ދީނިީ އިލްމުވެރިން ސަމާލުވާން ޖެހޭ ކަންކަމުގައި ލަފާ އެރުވުމަށް ވަނީ ހަމަޖެހިފައި،" ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އަހްމަދު ސަމީރު ވިދާޅުވި އެވެ.

ލުތުފުﷲ ހައުޖާއަކީ މައްކާގެ ޖާމިއަތު އުއްމުލް ގުރާ ގެ އަގީދާ ޑިޕާޓްމަންޓުގެ ޕްރޮފެސަރެކެވެ. ސަލަފުން ވަނީ މިފަދަ އިލްމުވެރިން މީގެ ކުރިން ވެސް ރާއްޖެ ގެނެސްފަ އެވެ.