އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކަށް މަގު ފަހިކޮށް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަލްހާން ފަހުމީ ދަންނަވައިފި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވަމުން އަންނަ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ވިދާޅުވީ 2018 އިގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ޓިކެޓް ހޯދަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން އޭނާ އިބޫއަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޕްރައިމަރީފައި އިބޫ ކުރިމަތި ލައްވައިފި ނަމަ ފަހަތަށް ޖެހިވަޑައިގަތުމަށް ވިސްނަވާނެ ކަމަށެވެ. އަދި އެކަން ވެސް އިބޫއަށް ދަންނަވާފައިވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އަލްހާން މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ.
އަވަސް އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލްހާން ވިދާޅުވީ އިބޫ އަކީ ރައީސް މުހައްމަދު ނަޝީދުގެ އާއިލާއާ ގުޅުން އޮތް ބޭފުޅަކަށް ވީއިރު ރައީސް ނަޝީދުގެ ބަދަލަށް އިބޫ ކުރިމަތި ލައްވައިގެން ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއެއް ބާއްވަން ޖެހޭ ކަމަށެވެ.
ނަމަވެސް އެކަމަށް އެކަށީގެންވާ ވަގުތެއް އޮތް ކަމަށް އިބޫ ދެކިވަޑައި ނުގަންނަވާ ކަމަށް އަލްހާން ވިދާޅުވި އެވެ.