ހަބަރު

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އަލްހާން ނިންމަވައިފި

Jun 11, 2020
12

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރަން ނިންމަވާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހުމީ ވިދާޅު ވެއްޖެ އެވެ.

އަލްހާން ފަހުމީ މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވަން ވެސް ނިންމެވި އެވެ. ނަމަވެސް ފަހުން ވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ނާކާމިޔާބުވެފަ އެވެ. އަދި އެއަށް ފަހު މާލޭ މޭޔަރު ކަމަށް ވަނީ ކުރިމަތިލައިފަ އެވެ.

އަލްހާން ކުރެއްވި ޓުވީޓް

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ޓުވީޓާއެކު އޭނާ ޓުވީޓު ކުރި ރީންދޫ ކުލައިގެ ފޮޓޯގައި "ނިއު އެމްޑީޕީ" ވަނީ ލިޔެފަ އެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލްހާން ވަނީ 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ފަހުން ކުލަގަދަ ޖަލްސާއެއްގައި އޭރު ވެރިކަން ކުރާ އެމްޑީޕީއާ އޭނާ ގުޅިވަޑައިގެންނެވި އެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާ ގުޅިގަތުމަށް ފަހުގައި އިންތިހާބުގެ ދެވަނަ ބުރަށް އައުމުން އަނެއްކާ ވެސް އެމްޑީޕިއާ ގުޅިވަޑައިގެންނެވި އެވެ. އަދި 2014 ގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވުމުން ފަހުން އޭނާ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަ ކުރެއްވި އެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީން އޭނާ ވަކި ކުރީ އެވެ. އޭގެ ފަހުން ޕާޓީއަކާ ގުޅިވަޑައި ނުގެން ގިނަ ދުވަސްތަކެއް ހުންނެވުމަށް ފަހު 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރު ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އެކަމަކު ޕީޕީއެމްއަށް އިންތިހާބު ނާކާމިޔާބު ވުމުން ފަހުން އެ ޕާޓީން ވެސް ވަކިވެ، ޖޭޕީއާ ގުޅިވަޑައިގަތެވެ.