އޭސީސީ

އެންމެ ގިނައީ ނުފޫޒު ބޭނުންކުރި މައްސަލަތައް: އޭސީސީ

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެންޓީ ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން އެންމެ ގިނައިން ތަހުގީގުކޮށް ނިންމައިފަ ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެކޮމިޝަނުން ބުނެފި އެވެ. މިދިއަ އަހަރުގެ އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވެސް އެންމެ ގިނައިން ނިންމާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކެވެ.

އޭސީސީން މިއަދު ބުނީ މިއަހަރުގެ ފުރަތަމަ ކްއާޓާގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 108 މައްސަލައެއް ބަލައި ނިންމުނު އިރު 2015 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 143 މައްސަލައެއް ބަލާ ނިންމުނު ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދެ ވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފަށް އަމަލު ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އަމަލު ކުރުމުގެ 87 މައްސަލައެއް ނިންމާފައިވެ އެވެ.

ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. ނާޖާއިޒު ފައިދާ ހޯދުމުގެ 28 މައްސަލައެއް ނިންމާފައި ވެއެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 18 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލުވުމުގެ 21 މައްސަލައަކާއި ރިޝްވަތުގެ ތިން މައްސަލައަކާއި އަދި ދޮގު މަޢުލޫމާތު ދިނުމާއި ހެކި ފޮރުވުމުގެ ހަތް މައްސަލައެއް ވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައިވެއެވެ.