ޔޫރޯ 2016

ފައިނަލް މެޗުގެ ރެފްރީއަކަށް ކްލަޓެންބާގް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ރެފްރީއަކަށް އިނގިރޭސި ރެފްރީ މާކް ކްލަޓެންބާގް ހަމަޖައްސައިފި އެވެ. އުމުރުން 41 އަހަރުގެ ރެފްރީ އަކީ ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް އިންސާފުކުރި ރެފްރީ އެވެ.

ޔޫއޭފާގެ ރެފްރީޒް ޗީފް ޕިއަރްލުއިޖީ ކޮލީނާ ހުރިހާ ރެފްރީން އެސެސް ކުރުމަށްފަހު ކްލަޓެންބާގަށް ފައިނަލް މެޗު ދީފައިވަނީ އޭނާގެ ޕާފޯމަންސް އެހެން ރެފްރީންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅުވުމުންނެވެ.

މިއީ މި އަހަރުގެ ތެރޭގައި ކްލަޓެންބާގް ރެފްރީކަން ކުރާ ބޮޑު ތިން ވަނަ މުބާރާތެވެ. އޭނާ ވަނީ ޔޫރޯގެ ކުރިން ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭކަޕްގެ ފައިނަލްގައި ވެސް ރެފްރީކަން ކޮށްފަ އެވެ.

ވަރަށް ޖެހިލުން ކުޑަ އަދި މިސްޓޭކް މަދުކޮށް މެޗުތަކަށް އިންސާފުކުރާ ކްލަޓެންބާގެ ވަނީ މީގެ ކުރިން ބޮޑު ހަ މުބާރާތެއްގެ ފައިނަލަށް ވެސް ނުކުމެފަ އެވެ. އެއީ 2012 ވަނަ އަހަރުގެ ލީގު ކަޕާއި އެ އަހަރުގެ އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތް އަދި 2013 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑާއި 2014 ވަނަ އަހަރުގެ ޔޫއޭފާ ސުޕަ ކަޕުގެ އިތުރުން މިދިޔަ އަހަރުގެ އެފްއޭކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލެވެ.